ރާއްޖޭގައި ޓެރަރިޒަމް ހުއްޓުވުމަށް ތަމްރީން ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
މި ޕްރޮގްރާމަކީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ އާއި ސައުދީ އަރަބިއްޔާގެ ނާއިފް އަރަބް ޔުނިވާސިޓީ ފޯ ސެކިއުރިޓީ ސައިންސް އިން ގުޅިގެން ބާއްވާ ތަމްރީން ޕްރޮގްރާމެކެވެ.
ތިންދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމްގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މަދަނީ ޖަމްޢީއްޔާ ޖަމާޢަތްތަކާއި އެހެނިހެން ދާއިރާތަކުން 62 ބޭފުޅުން ބައިވެރިވެފައި ވެއެވެ.
މި ތަމްރީން ޕްރޮގްރާމް ފައްޓަވާއިދެއްވީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރީޢްޔާ މަންޞޫރުއެވެ.
ބްރިގޭޑިއަރ ޖެނެރަލް ޒަކަރީޢްޔާ މަންޞޫރުގެ ވާހަކަފުޅުގައި މިކަމުގެ ބޭނުންތެރިކަމާއި ޓެރަރިޒަމް ހުއްޓުވުމަށް އާ ވިސްނުންތަކާއި ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަމުގެ މައްޗައް އަލިއަޅުއްވާލެއްވިއެވެ.