ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ކަރަޕްޝަން މައްސަލަ އެމްއެެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ މިއަދު މިވަނީ ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފުގެ އެކަނި މައްސަލައަކަށް ވެފައެވެ.
2014 ވަނަ އަހަރު ހިނގި މި ބޮޑު މައްސަލަ ފެންމަތިވި އިރު ބޭންކުގެ ޑެޕިއުޓީ ސީއީއޯ އާއި ބޯޑު މެމްބަރުން ތިބި ގޮތަށް ތިބެ އެއިން އެއްވެސް މީހަކުގެ ޒިއްމާއެއްް ނެތި މުޅި މައްސަލަ މިވަނީ ބޭންކުގެ މިހާރުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފުގެ ބޮލަށް ކަނޑާލާފައެވެ
މަޖްލިސްގެ މާލިއްޔަތު ކޮމެޓީގައި ޝަރީފު ސައްހަ ނޫން މައުލޫމާތު ހިއްސާ ކުރި ކަމަށް ބުނެ ޝަރީފުގެ މައްސަލަ މަޖްލިސްގެ އިދާރާއިން ފުލުހަށް ހުށަހަޅައިގެން އެ މައްސަލަ ތަހްގީގު ކުރަމުން އަންނަ އިރު ބޭންކް އޮފް މޯލްޑިވްސްގެެ ބޯޑަށް ސަރުކާރުގެ ފަރާތުން އައްޔަންކުރާ ޑިރެކްޓަރުންގެ ތެރޭގައި ބޭންކުގެ ޑެޕިއުޓީ ސީއީއޯ، މުހައްމަދު ޝަރީފްގެ ނަން ހިމެނުނު ނަމަވެސް މިހާރު ސަރުކާރުން މިވަނީ ޝަރީފުގެ ނަން އަނބުރާ ގެންގޮސްފައެވެ.
އެމްއެމްއެމްޕީއާރުސީއަށް ލިބުނު "ނޮޓް ނެގޯޝިއަބަލް" ޖަހާފައިވާ ޗެކުތަކެއް އެންޑޯސްކޮށްގެން، އެސްއޯއެފްގެ އެކައުންޓަށް ބީއެމްއެލްއިން ޖަމާކޮށްދީފައި ނުވާނެ ކަމަށް ޝަރީފް މަޖިލީހުގެ ކޮމިޓީގައި ވިދާޅުވި އިރު 17 ފެބްރުވަރީ 2019 ގައި އެ ބޭންކުން ނެރުނު ނޫސްބަޔާނުގައިވެސް އޮތީ "އެންޑޯރސް ކުރެވިގެން އެސް.އޯ.އެފް. ގެ އެކައުންޓަށް ޖަމާކުރެވިފައިވާ ޗެކްތަކަކީ "ނޮޓް ނެގޯޝިއަބްލް" މިގޮތަށް ބަޔާންކޮށްފައިވާ ޗެކްތަކެއް ނޫނެވެ." އެހެންކަމުން މިއީ މަޖްލީހަށް ބޭންކުގެ ފަރާތުން ޝަރީފު ހާޟިރުވި އިރުވެސް އެކަމުގެ މައުލޫމާތު ބޭންކަށް ލިބިފައި ނުވާކަން ސާފުވާ ކަމެކެވެ.
އެމްއެމްއެމްޕީއާރުސީ މައްސަލަ އާ ގުޅިގެން ބޭންކުން ވަނީ ހާއްސަ އޮޑިޓެއް ކޮށްފައެވެ. ބޭންކުގެ އިންޓާނަލް އޮޑިޓަރު އިސްވެ ހުންނަވައި ކުރިއަށް ގެންދިޔަ ސްޕެޝަލް އޮޑިޓްގަ ބުނެފައިވަނީ އެސްއޯއެފްގެ އެކައުންޓަށް ޗެކްތައް ޖަމާކޮށްފައިވަނީ ރާއްޖޭގެ ގާނޫނުތަކާއި ބެންކުގެ ޕްރޮސީޖަރސްތަކާ އެއްގޮތަށްކަމަށެވެ. އަދި މިކަމުގައި ބެންކުގެ މުވައްޒަފުން ނުކިއްސަރު އަމަލެއް ހިންގާފައި ނުވާ ކަމަށެވެ.
މި ރިޕޯޓް ސީދާ ބޭންކުގެ ބޯޑަށް ހުށަހެޅިއެވެ. މި ރިޕޯޓް އަކީ ސައްހަ ރިޕޯޓެއްތޯ ކަނޑައަޅަން ޖެހެނީ ބޭންކުގެ ބޯޑުންނެވެ. މި ހާއްސަ ރިޕޯޓު ލިބުމުން މި ރިޕޯޓަކީ ނުފޫޒެއް ފޯރައިގެން ތައްޔާރުކޮށްފައިވާ ރިޕޯޓެއްތޯ ނުވަތަ ނޫންތޯ އާއި ރިޕޯޓްގަ ހިމެނޭ މައުލޫމާތު ސައްހަތޯ ބަލައި ފިޔަވަޅު އަޅަން ޖެހެނީ ބޭންކުގެ ބޯޑުންނެވެ. އަދި މިއަދާއި ހަމަޔަށްވެސް ބެންކުން ބުނެފައިވަނީ މައުލޫމާތު ހާމަކުރަމުން އަންނަނީ ބޭންކުގައި ހުރި ރިކޯޑްސްތަކަށް ބަލައިގެން ކަމަށެވެ.
ޝަރީފް މަޖްލީހުގައި އިތުރުފުޅު ހެއްދެވިކަމަށް ބުނާ މައްސަލައަށް ބަލާއިރު، ބެންކަށް ގޯސް ހެދެން ފެށިފައިވަނީ ތައްޔާރުކުރެވުނު އިންޓާނަލް އޮޑިޓް ރިޕޯޓަކުންނެވެ. އެއަށްފަހު ބެންކުގެ ބޯޑުން ބަލަން ވާވަރަށް ނުވަތަ މުތާލިއާ ކުރަންވާ ވަރަށް އެރިޕޯޓް ނުބެލުމުންނެވެ. ދެން އާންމުންނާ ހަމަޔަށް ބެންކުން މައުލޫމާތު ތިލަކޮށްފައިވަނީވެސް ހަމަ މި ގޮތަށެވެ. އުފެދޭ ސުވާލަކީ މިފަދަ ކަމެއް ބެންކަށް ހަމަ ނޭގި އޮތީތޯއެވެ؟ ނުވަތަ މި މައްސަލަ ވަކި ގޮތަކަށް ނިންމުމަށް ބޭންކުގެ ތެރެއިން ރާވާފައިވާ ރޭވުމެއްތޯއެވެ.
މި ސުވާލު އުފައްދާއިރު ބޭންކުގެ އޭރުވެސް އަދި މިހާރުވެސް ޑެޕިއުޓީ ސީއީއޯގެ މަގާމު އަދާކުރައްވަމުންދާ ބޭފުޅުން ހަމަ މަގާމުގައި ތިއްބެވީއެވެ. އެއިން މީހެއްގެ ޒިއްމާއެއް މި ބޮޑު މައްސަލާގައި ނެތީތޯއެވެ. ބޭންކުގެ ބޯޑުގެ ޒިއްމާއެއް މިކަމުގައި ނެތީތޯއެވެ. ނުވަތަ މިއީ ހަމައެކަނި ޝަރީފަށް ޓާގެޓުކޮށް ހިންގާ ކަމެއް ނޫންބާވައެވެ.