Last Updated: November 24, 18:35
Sunday, November 24, 2024
ދުނިޔެ

ބަންގްލަދޭޝްގައި ހަލުވިކަމާއެކު ޑެންގޫ ފެތުރެނީ

މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ނުރައްކާތެރި ބައްޔެއް ކަމުގައިވާ ޑެންގޫ ބަންގްލަދޭޝަގައި ހަލުވިކަމާއެކު ފެތުރެން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އެ ޤައުމުގެ 1000 އަށްވުރެ ގިނަ މީހުން ވަނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ޑެންގޫއަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ގިނައިން ހިމެނެނީ ކުޑަކުދިން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އީޑީސް މަަދިރީގެ ސަބަބުން ޖެހޭ މިބަލީގައި މިއަހަރު އެޤައުމުގެ 8 މީހަކު މަރުވެފައިވާއިރު، މިހާތަނަށް ޖުމްލަ 13،600 މީހުން މިއަހަރުގެ ތެރޭގައި މިބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށް އެޤައުމުގެ އޮފިޝަލުން މައުލޫމާތުދެއެވެ. މީގެތެރެއިން 8،348 މީހުންނަކީ ޖުލައި މަހުގެ ތެރޭގައި ޑެންގޫ ޖެހުނު މީހުންނެވެ. ރިޕޯޓުތައް ބުނާގޮތުން ޖޫން މަހުގެ ތެރޭގައި އެ ޤައުމުގެ 1،820 މީހުންނަށް ޑެންގޫ ޖެހިފައިވާއިރު، މޭއި މަހުގައި މިބަލި ޖެހިގެން ރިޕޯޓްކޮށްފައިވަނީ އެންމެ 184 މީހުންނެވެ.

ބަންގްލަދޭޝްގެ ޑައިރެކްޓޮރޭޓް ޖެނެރަލް އޮފް ހެލްތު ސަރވިސެސްގެ އެސިސްޓެންޓް ޑިރެކްޓަރ، އައިޝާ އަޚްތެރު ސީއެންއެން އަށް މައުލޫމާތު ވިދާޅުވި ގޮތުގައި، 2000 ވަނަ އަހަރުން ފެށިގެން ޑެންގޫގެ ރިކޯޑުތައް ބަލަހައްޓަމުން އައިސްފައިވާއިރު، މިއީ މިހާތަނަށް ޑެންގޫ ޖެހިގެން މީހުން ރިޕޯޓްކޮށްފައިވާ އެންމެ ގިނަ އަދަދު ކަމަށެވެ.

އަދި 50 އަށް ވުރެ ގިނަ އަވަށަށް މި ބަލީގެ އަސަރުކޮށްފައިވާއިރު، އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ވެރިކަންކުރާ ސިޓީކަމަށްވާ ޑާކާއަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 20 މިލިއަން މީހުން ދިރިއުޅެމުންދާ މިސިޓީގެ ހޮސްޕިޓަލުތައް ފުރި، މީހުންނަށް ފަރުވާދޭން ދަތިވަމުންދާކަމަށްވެސް އައިޝާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދަނީ ހުރިހާ ސަރުކާރު އަދި އަމިއްލަ ހޮސްޕިޓަލްތަކުގައި ފަރުވާ ދެވޭނެ ނިޒާމު ޤާއިމްކުރެވޭކަން ޔަޤީން ކުރަމުން. އަދި ޑާކާ މެޑިކަލް ކޮލެޖު ހޮސްޕިޓަލްގައިވަނީ މިކަމަށް ޚާއްސަ ސެކްޝަނެއްވެސް ހަމަޖައްސާފައި." އައިޝާ ވިދާޅުވިއެވެ.

ވައިރަލް އިންފެކްޝަނެއް ކަމަށްވާ ޑެންގޫގެ ބައެއް އަލާމާތްތަކުގެ ތެރޭގައި، ހުންއައުން، ބޮލުގައި ރިއްސުން، ގަޔާއި ހުޅުތަކުގައި ރިއްސުން ހިމެނެއެވެ.

ޑަބްލިއު.އެޗް.އޯގެ ރިޕޯޓްތަކުން ދައްކާގޮތުން ދުނިޔޭގެ ނިސްބަތުން ބަލާލާއިރު، ކޮންމެ އަހަރަކުވެސް މިބަލި ޖެހޭ އެތައް މިލިއަން މީހުންގެ ތެރެއިން 500،000 އަށް ވުރެ ގިނަ މީހުންނަކީ ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ މީހުންނެވެ. އަދި މީގެތެރެއިން 12،500 މީހުން މިބަލީގައި މަރުވެގެންދެއެވެ.