ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރާއި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ގުޅިގެން އައްޑޫގައި މޮބައިލް ލީގަލް އެއިޑް ކްލިނިކެއް ހިންގުމަށް ހަމަޖެހިއްޖެއެވެ.
މި ކްލިނިކް ހިންގުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އާންމު ރައްޔިތުން ޤާނޫނަށް ހޭލުންތެރިކޮށްދިނުމަށާއި މުޖްތަމައުގައި ހަވާސާގައި ތިބޭ ފަރާތްތަކަށް ހިލޭ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ޢާންމު ރައްޔިތުން ޤާނޫނީ ގޮތުން ބާރުވެރިކުރުންކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ.
މިގޮތުން، މި ޕްރޮގްރާމްގެ ތެރެއިން، ކަނޑައެޅޭ ދާއިރާތަކަކުން ޢާންމު ރައްޔިތުން ޤާނޫނަށް ހޭލުންތެރިކުރުވުމަށްޓަކައި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރގެ ޤާނޫނީ ވަކީލުން ސެޝަންތައް ނަގައިދޭނެއެވެ.
މީގެ އިތުރުން، ރައްޔިތުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ ލަފާ ބޭނުންވާ ފަރާތްތަކަށް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރގެ ޤާނޫނީ ވަކީލުން ޤާނޫނީ ލަފާ ދިނުމާއި ޢާންމު ރައްޔިތުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފޯރުންތެރިކަން ނެތް ފަރާތްތަކުން ކޯޓަށް ހުށަހަޅަން ބޭނުންވާ މަދަނީ މައްސަލަތުކުގައި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރގެ ޤާނޫނީ ވަކީލުންގެ ފަރާތްތަކުން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދޭގޮތަށްވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައި މިހިނގާ އޯގަސްޓް މަހުގެ 2 ން 3 އަށެވެ.
އެގޮތުން އޮގަސްޓް މަހުގެ 2 ވަނަ ދުވަހު ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމްކޮށްދިނުމާއި ގުޅޭ ގޮތުން ސާނަވީ ސުކޫލު ކުދިންނަށް ސެޝަންތަކެއް ނަގައިދެވޭނެއެވެ. މިސެޝަންތައް ކުރިއަށް ދާނީ އެދުވަހުގެ ހަވީރު 14:30 އިން 16:00 އަށް ޝަރަފުއްދީން ސްކޫލްގައެވެ. އަދި ހަމަ އެދުވަހުގެ ރޭގަނޑު 20:00 އިން 22:00 އަށް ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމަށް ޢާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް، ހުރިހާ އާންމުންނަށް ހުޅުވާލައިގެން ސެޝަނެއް ކުރިއަށް ގެންދެވޭނެއެވެ.
މީގެ އިތުރުން އޮގަސްޓް މަހުގެ 3 ވަނަ ދުވަހު އާންމު ރައްޔިތުންނަށް ޤާނޫނީ ލަފާ ފޯރުކޮށްދިނުމުގެ ސެޝަންތަކެއްވެސް އެފަރާތުން ވަނީ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައެވެ. މިސެޝަންތަކުގައި ޤާނޫނީ ވަކީލެއްގެ ލަފާ ބޭނުންވާ ފަރާތްތަކަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޤާނޫނީ ވަކީލުންނާއި އެއްމޭޒު ދޮށުން އެހީތެރިކަން ބޭނުންވާ ރައްޔިތުންނަށް ބައްދަލުކުރުމުގެ ފުރުޞަތު ހޯދާދެވިގެންދާނެކަމަށް ޕްރޮގްރާމް ހިންގާ ފަރާތުން މަޢުލޫމާތުދެއެވެ.
މިސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 3 ވަނަ ދުވަހު ހެނދުނު 09:00 ން 12:00 އަށް ހުޅުމީދޫ، ސ.އަތޮޅު މަދުރަސާގައެވެ. އަދި ދެވަނަ ދަންފަޅި ހިންގުމަށް ހަމަޖެހިފައިވަނީ ހަމަ އެ ދުވަހުގެ 14:00 ން 18:00 އަށް ސ.ހިތަދޫ، ޝަރަފުއްދީން ސުކޫލުގައެވެ.
މި ޕްރޮގްރާމްގެ ދަށުން ޤާނޫނީ ލަފާ ފޯރުކޮށްދޭނެ މައްސަލަތަކަކީ:
– ކޮންޓްރެކްޓާ ގުޅޭ މައްސަލަތައް
– ބިމާއި މުދަލާއި ގުޅޭ މައްސަލަތައް
– ވަޒީފާގެ މައްސަލަތައް
– ބެންކް ލޯނާ ގުޅޭ މައްސަލަތައް
– އިންސާނީ ހައްޤުތަކާއި އަސާސީ ހައްޤުތަކާ ގުޅޭ މައްސަލަތައް
– ގެވެށި އަނިޔާގެ މައްސަލަތައް- މަދަނީ ބައި
މި ޕްރޮގްރާމް ހިންގުމަށްޓަކައި 14 ޤާނޫނީ ވަކީލުންނާއި މަދަނީ ޖަމްޢިއްޔާއެއްކަމަށްވާ ފެމިލީ ލީގަލް ކްލިނިކްގެ ފަރާތުން ވަކީލަކު ބައިވެރިވާނެއެވެ.