ޓަގު ބޯޓެއްގައި މާލެ ދޫކޮށް ރާއްޖެއިން ބޭރަށް ފިއްލެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެ ކަން ކުރެއްވީ އޭނާގެ ބަންދުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިފައިވަނިކޮށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.
ޕީޖީ، "މިހާރު" އަށް މައުލޫމާތު ދެމުން ވިދާޅުވީ އަދީބުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއްގެ އިތުރުން ބަންދުކުރުމަށް ވެސް ދައުލަތުން ސުޕްރީމް ކޯޓަށް ހުސްވި ޖޫން މަހު އެދިފައިވާނެ ކަމަށެވެ. ސުޕްރީމް ކޯޓުން، އަދީބު ސަރުކާރުގެ ހުއްދައާއެކު އިންޑިޔާއަށް ބޭސްފަރުވާއަށް ވަޑައިގެންފައިވަނިކޮށް ވަނީ ޕާސްޕޯޓު ހިފަހައްޓަން އަމުރުކޮށްފައެވެ.
ބަންދުގެ އަމުރު ސުޕްރީމް ކޯޓުން ނެރެފައިނުވާއިރު އެ އަމުރު ނެރެފައިނުވާ ސަބަބެއް ވެސް މިހާތަނަށް ޕީޖީ އަށް އެކޯޓުން އަންގާފައިނުވާ ކަމަށް ބިޝާމް ވިދާޅުވިއެވެ.
ހައި ކޯޓުން އަދީބުގެ މައްޗަށް ސާބިތުވެފައިވާ ދެ ހުކުމެއް ބާތިލުކޮށް ޖަލުން މިނިވަން ކޮށްފައިވާއިރު އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ލޯންޗެއްގައި ގޮވާއެއްޗެއް ހަރުކުރި މައްސަލާގައި އިއްވި 15 އަހަރު ދުވަހުގެ ޖަލު ހުކުމާއި ދައުލަތުގެ ފައިސާއިން ޚިޔާނާތްތެރިވި ކަމުގެ ކުށް ސާބިތުވެ އަށް އަހަރު ދުވަހަށް ޖަލަށް ލުމަށް ކުރި ހުކުމެވެ.
ޖުމުލަ 33 އަހަރު ދުވަހުގެ ޖަލު ހުކުމް އަދީބަށް އިއްވާފައިވާއިރު ހުރިހާ ހުކުމަކުން ބަރީއަވީ އެ މައްސަލަ އަލުން ބަލައި އަލުން ޝަރީއަތް ހިންގަން ޖެހޭ ކަމަށް ހައިކޯޓަށް ފެންނަ ކަމަށް އަމުރު ނެރުމަށްފަހުގައެވެ.
މިނިވަން ދުވަހުގެ ޗުއްޓީގައި އަދީބު އާއިލާއާއެކު ރިސޯޓަކަށް ޗުއްޓީ ހޭދަކުރުމުގެ ހުއްދައަކަށް ފުލުހުންގެ ކިބައިން އެދިފައިވާއިރު އެ ހުއްދަ ދިނުމަށްފަހު ރިސޯޓުން މާލެ ނައިސް ޓަގުބޯޓެއްގައި ފިލާފައިވާ ކަމަށް ޚަބަރު ލިބެއެވެ.
އިންޑިޔާއިން އަދީބު ހިފަހައްޓައި އެގައުމަށް އެތެރެވެވުނަ ނުދީ އަނބުރާ ރާއްޖެ ފޮނުވާލާފައިވާއިރު މިހާރު އަދީބު ހުންނެވީ ދިވެހި ސިފައިންގެ ބެލުމުގެ ދަށުގައެވެ. ނަމަވެސް އަދީބު އަދި ރާއްޖެ ގެނެވިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ދައުލަތުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލާގައި ޔާމީނާ ދެކޮޅަށް ހެކިބަސް ދިނުމަށް ހުށައެޅި ހެކިންގެ ތެރޭގައިވެސް އަދީބު ހިމަނާފައެވެ.