ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ފުރިހަމަވީއިރު އެމަނިކުފާނު ރާއްޖެއަށް ގެނެސްދެއްވި ކުރިއެރުން މިހާރުގެ ސަރުކާރަށް ހިފެހެއްޓޭވަރު ނުވާ ކަމަށާއި ކަންކަން ރަނގަޅަށް ކުރިއަށް ނުގެންދެވިގެން އުޅެނީ ނާގާބިލް ބޭފުޅުން މަގާމާ ހަވާލުވުމުން ކަމަށް ޕީއެންސީގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމުން އެމަނިކުފާނު ދެއްކެވި ބައެއް ވާހަކަތަކަށް ރައްދު ދެމުންނެވެ. މިނިސްޓަރު ވިދާޅުވީ ސިއްހީ ދާއިރާއަށް ގޮންޖެހުންތަކެއް އައިސްފައިވަނީ ޔާމީންގެ ސަރުކާރުގެ ބައެއް ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.
އެގޮތުން ބޭނުންވާ ބަޖެޓު ސިއްހީ ދާއިރާއަށް ފޯރުކޮށްދީފައި ނުވާ ކަމަށާއި ޚިދުމަތްތައް ރަނގަޅު ފެންވަރުގައި ދެވޭނެ ނިޒާމެއް ގާއިމްކުރަން ކުރި މަސައްކަތެއް ނެތް ކަމަށް އަމީން ވިދާޅުވިއެވެ. ކަންތައްތައް ރަނގަޅު ކުރެވޭނީ އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓުން ކަމަށް ވިދާޅުވެ މެމްބަރުން ކުރެއްވި ސީދާ ސުވާލުތަކުން މިނިސްޓަރު ވަނީ ރެކިގަނެފައެވެ.
މިވާހަކަތަކަށް ރައްދު ދެއްވަމުން އަދުރޭ ވަނީ މިސަރުކާރަކީ ނާގާބިލު ސަރުކާރެއް ކަން ސާބިތުވަމުން އަންނަ ކަމަށާއި ކަންކަން ކުރެވޭ ވަރުގެ ފެންވަރެއް ނެތް ކަމަށްވާނަމަ އިސްތިއުފާ ދެއްވުމަށް ގޮވާލާފައިވެއެވެ.