ސެޕްޓެމްބަރު ހަތެއްގައި ބާއްވާ ރިޔާސީ އިންތިހާބަށް އައްޑޫގައި ޕާޓީތަކުން ކެމްޕޭން ކުރަމުން އަންނަ އިރު ފޭދޫ ބަަނދަރު ސަރަހައްދުން އެއްވެސް ޕާޓީއަކަށް ދިގު މުއްދަތަކަށް ބިން ދޫނުކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ކައުންސިލުން މިގޮތަށް ނިންމީ އައްޑޫގައި ހަރަކާތްތެރިވާ ޕާޓީތަކާ އެކު މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުގައި އެމްޑީޕީ، ޕީޕީއެމް، ގައުމީ އިއްތިހާދު އަދި ޖުމްހޫރީ ޕާޓީން އޮފިޝަލުން ބައިވެރިވެ އެވެ.
އެމްޑީޕީގެ ސައްތައިން ސައްތަ ކޮންޓްރޯލް އޮންނަ ކައުންސިލްގެ މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ތޮއްޔިބް (ޓޮމް) ވިދާޅުވީ ފޭދޫ ބަނދަރު ސަރަހައްދުން ދިގު މުއްދަތަކަށް ޕާޓީތަކަށް ބިން ދޫނުކުރަން ނިންމީ ހުރިހާ ޕާޓީތަކަށް ހަމަހަމަ ފުރުސަތުތަކެއް ދިނުމުގެ ގޮތުން ކަމަށެވެ.
ކައުންސިލުން މިގޮތަށް ނިންމި އިރު އެމްޑީޕީ އާއި ޕީޕީއެމް އަދި ގައުމާއިގެން ކުރިއަށް ކޯލިޝަނުން ވަނީ ފޭދޫ ބަނދަރުން ބިން ހޯދަން އެދިފަ އެވެ.
"އަޅުގަނޑުމެން މިހާރު ޕާޓީތަކާ ވާހަކަ ދައްކާފައި ނިންމީ އެއްވެސް ޕާޓީއަކަށް ދިގު މުއްދަތަކަށް ބިން ދޫކުރަން. އެކަމަކު ކޮންމެ ޕާޓީއަކުން ވެސް ހަރަކާތެއް ހިންގުމަށް ބިން ބޭނުންވެގެން ރެކްއެސްޓް ކުރީމަ އަޅުގަނޑުމެން އެ ޕާޓީއަަކަށް ދެތިން ހަތަރު ދުވަހަށް ބިން ދޫކުރާނަން." ޓޮމް ވިދާޅުވި އެވެ. "އަދި ރަށްރަށުން ބިން ދޫކުރެވެން ހުރި ތަންތަނުން އަޅުގަނޑުމެން ޕާޓީތަކަށް ކެމްޕޭން ހަރަކާތްތައް ހިންގަން ބިން ދޫކުރަމުން ގެންދާނަން."
އޭނާ އިތުރަށް ވިދާޅުވީ ފޭދޫ ބަނދަރުން އެގޮތަށް ބިން ދޫކުރަން ނިންމުމުން ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ޕާޓީއަކުން ވެސް އެކަމާ ހިތްހަމަޖެހިފައި ތިބި ކަމަށެވެ.
އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ ފޭދޫ ލިންކް ރޯޑްގައި ހުންނަ ޕީޕީއެމް ޖަގަހަ ކުރި މަތިން ބަނދަރާ އިންވެގެން ހިއްކާފައި އޮތް ބިމުގައި ޕީޕީއެމުން އެ ޕާޓީގެ ދިދަފަތި ދަމައި އެތަނުގައި އެ ޕާޓީގެ ބޮޑު ދިދައެއް ވެސް މި މަހުގެ ކުރީކޮޅު ނަގާފައިވެ އެވެ.