ހިތަދޫ އަދި ފޭދޫގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމުގެ ހުއްދަ އައްޑޫ ސިޓީ ކައުންސިލުން ދީފިއެވެ.
އައްޑޫ ކައުންސިލުން އީދު ނަމާދު ބޮޑު ޖަމާއަތުގައި މި ދެ ރަށުގައި ކުރުމަށް ހުއްދަ ދީފައިވަނީ އެ ހުއްދަ ކައުންސިލުން ކުރިން ނުދިނުމާއި ގުޅިގެން ގިނަ ފާޑު ކިއުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.
ކައުންސިލުން މީގެ ކުރިން ބޮޑު ޖަމާއަތުގައި ހުއްދަ ދީފައިވަނީ ހުޅުމީދޫ އާއި މަރަދޫއަށެވެ.
ކައުންސިލުން ބުނީ މަރަދޫ އާއި ހުޅުމީދޫގެ އިތުރުން އައްޑޫގެ އިތުރު ދެ ސަރަހައްދެއްގައި އީދު ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް އައްޑޫ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
ބޮޑު ޖަމާޢަތުގައި އަޟްޙާ ޢީދު ނަމާދު ކުރާނެ އިތުރު ދެ ސަރަހައްދުގެ ގޮތުގައި ކައުންސިލުން ކަނޑައަޅާފައިވަނީ ހިތަދޫ ލިލީމަގުގެ އިރުމަތީކޮޅުގެ ދެކުނުފަރާތު ހިއްކި ބިމުގައި (ފަތާ ޓްރެކް ސަރަހައްދު) އާއި ފޭދޫ އަދި މަރަދޫފޭދޫ ގުޅޭ ސަރަހައްދުގެ ފޭދޫ ހިއްކި ބިމުގައެވެ.
ހިތަދޫ އަދި ފޭދޫގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ފާއިތުވި އަހަރުތަކުގައި އިންތިޒާމްކޮށްފައިވަނީ އައްޑޫގެ ދީނީ ޖަމިއްޔާއެއްކަމަށްވާ ނޫރުލް އިސްލާމުންނެވެ.
އައްޑޫގައި މިއަހަރުގެ އަޟުހާ އީދު ކުލަގަދަ ކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ.