ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުލިބޭ ބާރެއް ސުޕަ ކޮމިޓީއެއް މެދުވެރިކޮށް ހޯއްދަވަން ކުރެއްވި މަސައްކަތް އެމަނިކުފާނަށް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވާ ވަޒީރުންނާއި މުއައްސަސާތަކުގެ މެމްބަރުން ހޮވުމާއި އަދި ފަނޑިޔާރުން އައްޔަން ކޮށް ވަކިކުރުމުގެ ބާރު ދިނުމަށް ސުޕަ ކޮމިޓީއެއް ހަދަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ހުށައެޅުއްވީ ރައީސް ނަޝީދު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިކޮމިޓީގެ ރިޔާސަތުވެސް ބަލަހައްޓަވާނީ ނަޝީދެވެ. ނަމަވެސް ކޮމިޓީގައި މަޖިލީހުގެ ހުރިހާ ކޮމިޓީތަކުގެ މުގައްރިރުންގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުން ހިމެނޭނެ ކަމަށް ހުށައެޅިއެވެ.
ޚަބަރު ލިބޭ ގޮތުގައި މިކޮމިޓީ ހެދުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ތެރެއިން ވެސް ރައީސް ނަޝީދަށް ބޭނުންވާ ތާއީދެއް ނުލިބުނެވެ. ނަޝީދު ރިޔާސަތުގައި ނުހިމެނޭ ގޮތަށް ހުށައެޅުމުން ވެސް ޕީޖީ ގްރޫޕުގެ ތާއީދެއް މިހުށައެޅުމަށް ލިބިފައެއް ނުވެއެވެ.
އެމްޑީޕީގެ 65 މެމްބަރުންގެ ޕާލަމެންޓްރީ ގްރޫޕުގެ ތެރެއިން މިބައްދަލުވުމުގައި 50 އަށްވުރެ ގިނަ މެމްބަރުން ބައިވެރިވެފައިވާއިރު ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ ސުޕަ ކޮމިޓީ އިސްލާހު ބޭރުކޮށްލާފައެވެ.
އެމްޑީޕީގެ އެތެރޭގައި ބައިބައިވުން އުފެދިފައިވާ ކަމަށް ފުރަތަމަ އަޑު ފެތުރިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ދެބޭފުޅަކު ކުރިމަތިލެއްވުމާ ގުޅިގެންނެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ދެމެދުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ކަމަށް ބުނެ، މިއީ ރައީސްގެ ބާރު މަޖިލިސް ތެރެއިން ކަނޑުވާލުމަށް ކުރި މަސައްކަތެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.