ރާއްޖޭގައި އޮންލައިން ކޮށް ހިންގާ ވިޔަފާރިތައް ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ސަރުކާރު ފަރާތުން ވިޔަފާރި ރަޖިސްޓާ ކުރުމާބެހޭ ގާނޫނަށް ގެނައުމަށް ހުށަހެޅި ބިލާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ ރާއްޖޭގައި މިވަގުތު ރަޖިސްޓްރީ ކޮށްގެން އޮންލައިން ވިޔަފާރި ކުރަނީ ވަރަށް މަދު ބައެއް ކަމަށެވެ.
ފައްޔާޒު ވިދާޅުވީ މި ގާނޫނު އިސްލާހުވެގެން އަންނަ އިރު ރާއްޖޭގައި ކުރެވޭ ހުރިހާ ވިޔަފާރިތައް ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ. އަދި އެކަމަށް ފަސޭހަ ނިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ މިހާރު ވިޔަފާރިތަކުން ނަގަމުން އަންނަ މަހުފީ ކަނޑާލުމަށްވެސް ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމު މެދުވެރިކޮށް އޮންލައިން ވިޔަފާރި ކުރަމުން އަންނައިރު އެފަރާތްތަކުން ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުގައި ރަޖިސްޓްރީ ނުކުރާ މައްސަލަ ބައެއް ވިޔަފާރިވެރިން ދަނީ ޖައްސަމުންނެވެ. މިކަމަށް މިހާތަނަށް އެކަށީގެންވާ ހައްލެއް ހޯދިފައި ނުވެއެވެ.