ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލް ތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް ލޯކަލް ކައުންސިލް ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެެވެ.
"އެމް.ޑީ.ޕީ ކައުންސިލަރުންގެ ކޮންފަރެންސް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ލާމަރުކަޒީ ނިޒާމް ފުރިހަމަ ކުރުމަށް ގެންނަންޖެހޭ ޤާނޫނީ ބަދަލުތައް މިހާރުވަނީ ޑްރާފްޓް ކުރެވިފައި ކަމަށާއި އެ ބިލް ހުށައެޅިގެންދާނީ މިއަދުގެ މިބައްދަލުވުމުގައި ކައުންސިލަރުން ހުށަހަޅާ ޚިޔާލުތަކާއި މަޝްވަރާތައްވެސް ހިމަނައިގެން ކަމަށެވެ.
ލާމަރުކަޒީ ޤާނޫނަށް ހުށަހަޅަން ނިންމާފައިވާ ބައެއް އިސްލާހުތައް ހާމަކުރައްވަމުން ރައީސް ވިދާޅުވީ ދައުލަތުގެ އާމްދަނީގެ %5 ކައުންސިލްތަކަށް ޚާއްޞަ ކުރެވޭނެ ކަމަށާއި އަދި ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ %40 އާއި، މީހުން ދިރިއުޅޭ ރަށްރަށުގެ އިޚްތިޞާޞްގައިވާ ބިމުގެ ކުލީގެ %100 ކައުންސިލްތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ ކަމަށެވެ.
މީގެއިތުރުން ތަރައްޤީގެ ކަންކަމުގައި އަންހެނުންނާއި ޒުވާނުންގެ ރޯލު ފުޅާކޮށް، މުޖުތަމަޢުގެ ކުރިއެރުމަށް އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަކީ، ލާމަރުކަޒީ ނިޒާމުގެ މުހިންމު އެއްބައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އެހެންކަމުން، އަންހެނުންގެ ބަހަކީ ފިރިހެނުންނެކޭ އެއް ހަމައެއްގައި މުހިންމު އެއްޗެއްކަން ދެނެގަނެ، ސިޔާސީ ގޮތުން އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް، ލާމަރުކަޒީ ނިޒާމަށް ގެންނަން މި ހުށަހަޅާ އިޞްލާޙުތަކުގެ ތެރޭގައި، ރަށު އަދި ސިޓީ ކައުންސިލް ގޮނޑީގެ %33 އަންހެނުންނަށް ޚާއްޞަ ކުރުމަށް ނިންމާފައިވެސް އަޅުގަނޑުމެން ވާނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މި އިސްލާހުތައް އެ ގާނޫނަށް ގެންނަން ބޭނުންވާ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން، ކައުންސިލްތައް ބާރުވެރިކުރުވުމާއި، މަރުކަޒީ ސަރުކާރަށް ބަރޯސާވުން ކުޑަކުރުމާއި، ޤުދުރަތީ އަދި ޢުމްރާނީ ވަސީލަތްތަކާމެދު މާނަވީ ގޮތެއްގައި ގޮތް ނިންމުމުގެ ބާރު، ރައްޔިތުންނަށް ދިނުމާއި، ޚިދުމަތްތަކާއި ތަރައްޤީގެ ކަންކަން އަވަސްމިނުގައި ކުރިއަށް ގެންދިއުން ހިމެނޭ ކަމަށެވެ.