ރާއްޖޭގެ އެންމެ މަތީ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލާގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް ޑރ.މުހައްމަދު އިޔާޒް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަށް ރައްދު ދެއްވައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދެ އަންހެން ބޭފުޅުން ކަމަށްވާ ޑރ.އަޒްމިރަލްޑާ ޒާހިރު އަދި އަލްއުސްތާޛާ. އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމާއި މެދު ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެދިވަޑައިގެންފަ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ބޭފުޅުންތަކެއް ނޮމިނޭޓްކުރި ފުރަތަމަ ފަހަރެވެ.
އަންހެން ފަނޑިޔާރުން ރާއްޖޭގެ ކޯޓުތަކުގައި ފަނޑިޔާރުކަން ކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ދެއްވީ މައުމޫންގެ ވެރިކަމުގައި ކަމަށްވާއިރު އެމަނިކުފާނު މިއަދު ވަނީ އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމްދީން ހުއްދަ ކުރާ ކަމެއް ކަމަށް ކުރީގެ އަދި މިހާރުގެ ގިނަ އިލްމުވެރިން ބުނެފައިވާ ކަމަށް ވިދާޅުވެފައެވެ.
މައުމޫންގެ މި ވާހަކަފުޅާ ގުޅިގެން ޝައިހް އިޔާޒް ވިދާޅުވީ ބާރު ލިބިފައިވާ ދުވަސްވަރުގައި ނުބައިކޮށް ކަމެއް ކުރެވިފައި އޮތުމަކީ އެކަންތައް ދަމަހައްޓަން މަސައްކަތް ކުރަންވީ ސަބަބެއް ނޫން ކަމަށެވެ.
"ދެންވެސް އުމުރުގެ ބާކީ އޮތް ދުވަސްކޮޅުގައި އެފަދަ ނުބައި ނުހަދާ ތައުބާވެ އިސްލާހުވެވޭތޯ ބަލަންވީ" އިޔާޒް ވިދާޅުވިއެވެ.
thimaa ah baaru libifaivaa dhuvas varugai nubai koh kameh kureivfai othumakee ekanthah dhamahattan masakkaiy kuranvee sababeh nooneve. dhenves umuruge baakee oiy dhuvas kolhugai efadha nubai nuhadhaa thaubaave islaahveveytho balan vee eve.
— Dr.Mohamed Iyaz (@dr_iyaz) August 23, 2019
ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ރައީސް ސޯލިހު ފޮނުއްވި ދެ ނަންފުޅު ޖޭއެސްސީން މިއަދު ބަލައިގެންފައިވާއިރު، އެ މައްސަލައާ މެދު އަންނަ ހަފްތާގައި ގޮތެއް ނިންމުމަށް އެ ކޮމިޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ސުޕްރީމް ކޯޓުގައި މިވަގުތު ފަސް ފަނޑިޔާރުން ތިއްބެވި ނަމަވެސް ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ އެ އަދަދު ހަތަކަށް އިތުރު ކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފައެވެ. އަދި އެ އިސްލާހު ރައީސް ސޯލިހު ވަނީ ތަސްދީގު ވެސް ކުރައްވާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.