އައްޑޫ ކުރިއަރުވަންވީ ޓްރާސްޕޯޓު ހަބެއްގެ ގޮތުގައި ކަމަށް އައްޑޫއަށް ނިސްބަތްވާ މަޝްހޫރު ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.
އައްޑޫގެ ތަރައްޤީއަށް ބޮޑު ޕްރޮޖެކްޓަކާއި މެދު ވިސްނަމުންދާކަމަށް ވިދާޅުވެ އިއްޔެ އުގައިލްގެ ފޭސްބުކްގައި ވަނީ ޕޯސްޓެއް ކުރައްވާފައެވެ. މި ޕޯސްޓަށް ތާއިދުކޮށް ވަރަށް ގިނަ ބަޔަކު ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން އައްޑޫ ތަރައްޤީ ކުރުމަށް ގެންނަން ވިސްނަވާ ޕްރިޖެކްޓާއި ގުޅޭ ގޮތުން ވެސް ބައެއް ފަރާތްތަކުން ވަނީ ސުވާލު ކުރައްވާފައެވެ.
އުގައިލް މިއަދު އަނެއްކާވެސް އެމަނިކުފާންގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "އައްޑޫ ކުރިއަރުވަންވީ ޓްރާންސްޕޯޓު ހަބެއްގެ ގޮތުގައި ކަމަށެވެ.
އުގައިލް ވިދާޅުވީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސީންވެސް އައްޑޫ ބޭނުންކުރީ އެ އުސޫލުން ކަމަށެވެ
"އައްޑޫ ކުރިއަރުވާއްވީ ބައިނަލް އަގްވާމީ ޓްރާސްޕޯޓު ހަބައް ގޮތެ، ދުނިޔޭގެ ދެވަނަ ބޮނޑޮ ހަނގަރާމެ އެތެރެ އިނގިރޭސީން ނަސް އައްޑޫ ބޭނުން ހިފީ އެގޮތަށް. އަދި އައްޑޫއަށް މެހެއިތާން އާފެހެނާ އާއްސެއި އޮތް މުހިއްމު ކުރިއެރުމަކީ އިނގިރޭސީންގެ ސަބަބުން އާއެއްތަ."
އިނގިރޭސިވިލާތުން ތައުލީމު ހާސިލްކޮށް އެގައުމުގައި ދިރިއުޅުއްވާ ޕްރޮފެސަރ ވިދާޅުވިއެވެ.
އުގައިލްގެ މި ހިޔާލަށް އެއް ބަޔަކު ތާއިދު ކޮށްފައިވާ އިރު އެކަމާއި ދެބަސްވެ ބައެއް ފަރާތްތަކުން ވާހަކަ ދައްކާފައިވެއެވެ.
މި ސަރުކާރުގައި އައްޑޫގެ ތަރައްޤީއަށް 5.4 ބިލިއަން ރުފިޔާ ހަރަދު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. މި ފައިސާ ހޯދުމަށް އިންޑިއާގެ އެގްޒިމް ބޭންކުން ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަކަމަށް ފިނޭންސް މިނިސްޓަރ އަދި އިކޮނޮމިކް މިނިސްޓަރ ވަނީ ވިދާޅުވެފައެެވެ.