އެމެރިކާއާ އިނގިރޭސިންނާ ދެމެދު ވިޔަފާރީގެ އެއްބަސްވުމަކަށް ނުވަތަ ޓްރޭޑް ޑީލެއް ހެދޭނީ އެމެރިކާއިން ވެސް ކޮންމެވެސް ވަރަކަށް ދޫ ދީގެން ކަމަށް އިނގިރޭސި ބޮޑުވަޒީރު ބޯރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ 7 ބާރުން ބާއްވާ ޖީ7 ބައްދަލުވުމުގައި ބައިވެރިވުމުގެ ގޮތުން ފްރާންސަށް ކުރެއްވި ދަތުރުފުޅުގެ ކުރިން ބޯރިސް ވިދާޅުވީ އިގްތިސޯދީ ގޮތުން އެމެރިކާއިން އަޅާފައިވާ ބައެއް ހުރަސްތައް ނުނަގާ ދެގައުމާ ދެމެދު މިފަދަ އެއްބަސްވުމަކަށް ދާން ދަތި ކަމަށެވެ.
އޭގެ ތެރޭގައި ފުޑް އެންޑް ޑްރަގް ރިސްޓްރިކްޝަންތައް އެބަ އުޅޭ ކަމަށާއި އޭގެ ސަބަބުން އިނގިރޭސި ކުންފުނިތަކަށް އެމެރިކާގައި ވިޔަފާރި ކުރުމަށް ހުރަސް އެޅިފައިވާ ކަމަށެވެ. ޔޫކޭ ބެލް ޕެޕާ، މެލްޓަން މޯބްރޭ ޕޯކް ޕައިސް އަދި ވައިން ކުންފުނިތައް ވެސް ހިމެނޭ ކަމަށް ބޯރިސް ވިދާޅުވެފައިވެއެވެ.
އިނގިރޭސި ކުންފުނިތަކަށް އެމެރިކާ މާކެޓުގައި ވިޔަފާރި ކުރުމުގެ ފުރުސަތު ދީފިނަމަ ދެ ގައުމަށް ވެސް ނުހަނު ފައިދާ ވާނެ ކަމަށާއި ނަމަވެސް މިހާރު ކަން އޮތް ގޮތުން އެކަން ހާސިލުވެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ޖީ7 ސަމިޓުގައި އީޔޫގެ ރައީސް ޑޮނަލްޑް ޓަސްކްއާ ވެސް އިނގިރޭސިން އީޔޫއިން ވަކިވުމާ ގުޅޭގޮތުން އިތުރަށް މަޝްވަރާ ކުރައްވާނެ ކަމަށް ބޯރިސް ވިދާޅުވެފައިވެއެވެ. އީޔޫ އިން އިނގިރޭސިން ވަކިވުމަށް ކިންގްޑަމް އިން ވޯޓު ދީފައިވާއިރު ކުރީގެ ބޮޑުވަޒީރު ތެރޭސާ މޭ ތިން ފަހަރު މަތިން މަޖިލީހުން އެކަން ފާސްކުރަން ކުރި މަސައްކަތް ނާކާމިޔާބުވެ އެކަމަނާ ވަނީ އެންމެ ފަހުން އިސްތިއުފާ ދެއްވާފައެވެ.