ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ފިކުރަކީ އަންހެނުން ބާކީކުރާ ފިކުރެއް ނޫން ކަމަށް އެޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފް މިހެން ވިދާޅުވެފައިވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އަންހެން ދެ ފަނޑިޔާރުން ސުޕްރީމް ކޯޓަށް ގެނައުމަށް ރައީސް ލަފާ އެރުވުމަކީ އިސްލާމްދީނާ ޚިލާފު ކަމެއް ކަމަށް ބުނެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށައެޅުއްވި ކުއްލި މައްސަލައަކަށް ބަހުސް ކުރައްވަމުންނެވެ.
އެމްޑީޕީ މެމްބަރުން މި މައްސަލައަށް ބަހުސް ކުރަމުން ބުނެފައިވަނީ މިއީ މިމަޖިލީހުގައި މިފަދަ ޒަމާނެއްގައި ބަހުސް ކުރެވެން ޖެހޭ މައްސަލައެއް ވެސް ނޫން ކަމަށެވެ.
އެގޮތުން ހަސަން ލަތީފް ވިދާޅުވީ ރާއްޖެއަށް ވުރެ ބޮޑު އިސްލާމީ ގައުމުތަކުގައި އަންހެނުން ފަނޑިޔާރުންނަށް އެބަ ތިބޭ ކަމަށާއި އަދި ރައީސުލް ޖުމުހޫރިއްޔާ ލަފާ އެރުއްވި ދެ ފަނޑިޔާރުންނަކީ މީގެ ކުރިންވެސް ކޯޓުތަކުގައި ފަނޑިޔާރުކަން ކުރެއްވި ދެ ފަނޑިޔާރުން ކަމަށެވެ.
އާބާދީގެ ދެބައިކުޅަ އެއް ބަޔަކީ އަންހެނުން ކަމަށްވާއިރު އަންހެނުންނަކީ ވަކި ކަންތައްތަކުން ބާކީ ކޮށްފައިތިބެން ޖެހޭ ބައެއް ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެއީ އިސްލާމް ދީނުގައި އެކަން ކުރަން އަންގަވާފައިވާ ގޮތް ކަމަށް ބުއްދިއަށް ގަބޫލުވެސް ނުކުރެވޭ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
އަންހެން ދެ ފަނޑިޔާރުން ސުޕްރީމް ކޯޓަށް ގެނައުމަށް ރައީސް ލަފާ އެރުވި ހިސާބުން ފަތަވާ މަޖިލީހާއި ގިނަ ދީނީ އިލްމުވެރިންތަކެއް ވަނީ އެއީ ދީނުގައި ހުއްދަ ކަމެއް ނޫން ކަމަށާއި އެކަން ކުރުވާ ބަޔަކުވެސް ފާފަވެރިވާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.