ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމް ޓިކެޓުގައި ވާދަކޮށް ނާކާމިޔާބުވި ގިނަ މެމްބަރުންތަކެއް ކުއްލި ގޮތަކަށް ސަރުކާރު ހިންގާ ކޯލިޝަން ޖުމުހޫރީ ޕާޓީއާ ގުޅެން އުޅޭކަމަށް އަޑު ފެތުރިއްޖެއެވެ.
ޖޭޕީއާ ގުޅެން އުޅޭ ކަމަށް އަޑު ފެތުރިފައިވާ މެމްބަރުންގެ ތެރޭގައި ކުރީގެ ޕީޕީއެމް ޕީޖީ ލީޑަރ އަހުމަދު ނިހާން ހުސެއިން މަނިކު ވަނީ މިއަދު ކުއްލި ގޮތަކަށް ކުރީގެ ރައީސް ޔާމީން އުފެއްދެވި ޕީއެންސީގެ ނައިބު ލީޑަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ނިހާނާއެކު ކުރީގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ފަލާހު ވެސް ވަނީ ކުއްލި ގޮތަކަށް މިއަދު ޕީޕީއެމުން ވަކިވެފައެވެ. އަދި ކުރީގެ ދާންދޫ ދާއިރާގެ މެމްބަރު އައްސަދާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވެސް ވަނީ ޕާޓީން ވަކިވެ ޖޭޕީއާ ގުޅެން ތައްޔާރު ވެފައި ކަމަށް ޚަބަރު ލިބެއެވެ.
ޖުމުހޫރީ ޕާޓީން އަދި މިކަން އިއުލާން ކޮށްފައި ނުވި ނަމަވެސް ޕާޓީން ވަނީ މިރޭ، ކުރީގެ ބަައެއް މަޖިލިސް މެމްބަރުން ޕާޓީއާ ގުޅެން އުޅޭ ކަން ކަށަވަރުކޮށްދީފައެވެ.
ރިޔާސީ އިންތިޚާބު ސަރުކާރު ކޯލިޝަނުން ކާމިޔާބުކުރުމާ އެކު ވެސް ބައެއް ޕީޕީއެމް މަޖިލިސް މެމްބަރުން ވަނީ ޖުމުހޫރީ ޕާޓީއަށް ސޮއިކޮށްފައެވެ. އެ މެމްބަރުން ވެސް ނިމިގެން ދިޔަ އިންތިޚާބުގައި ވާދަކުރި ނަމަވެސް ގޮނޑި ކާމިޔާބު ކުރެވުނީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެން މުހައްމަދު ލަތީފަށް އެކަންޏެވެ.
ޖުމުހޫރީ ޕާޓީން މަޖިލިސް އިންތިޚާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ ބައިއަތު ހިފި ނަމަވެސް އެމްޑީޕީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ، 65 ގޮނޑިއާއެކު ނަގާފައެވެ. އޭރު ސަރުކާރަށާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު އިންތިޚާބު ނިމުމުން ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ވަނީ ސަރުކާރާ އެއްކޮޅަށް ވާހަކަ ދައްކަވާފައެވެ.