Last Updated: November 26, 06:34
Tuesday, November 26, 2024
ޚަބަރު

އެންސްޕާގެ ގާނޫނު ހަރުދަނާ ކޮށް ހިތުގެ ބަލިތަކަށް ފަރުވާ ލިބޭނެ: ރައީސް

އިޖްތިމާޢީ ޞިއްޙީ އިންޝޫރެންސްގެ ނިޒާމު ހަރުދަނާ ކުރެވިގެންދާއިރު ހިތުގެ ބަލިތައް ހުންނަ ކުދިންނަށް ބޭނުންވާ ފަރުވާ އާއި، އެފަދަ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން އެނިޒާމުގެ ތެރެއިން ލިބޭނެ އިންތިޒާމު، ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޓައިނީ ހާޓްސް އޮފް މޯލްޑިވްސްގެ 10 ވަނަ އަހަރީ ދުވަހުގެ ހާއްސަ ހަފުލާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހިތުގެ ބަލި ހުންނަ ފަރާތްތަކަށް ބޭނުންވާ ފަރުވާއާ އެހީތެރިކަން ފޯރު ކޮށްދިނުމުގެ މަސައްކަތް އާސަންދަ އާއި އެންސްޕާއިން މިހާރު އެ މަސައްކަތް ކުރައްވަމުން ގެންދާ ކަމަށެވެ. އެ އެކަމުގައި ޓައިނީ ހާޓްސްގެ ލަފަޔާއި މަޝްވަރާ ވެސް ހޯދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަކީ، އަލަތު ދަރިފުޅު ލިބޭ ދެމަފިރިންނަށް އެކަނި އުފުލޭ ވަރަށްވުރެ ބޮޑު ތަކުލީފެއް. ވަރަށް ގިނަ ޚަރަދު ހިނގާ ކަމެއް. ނަމަވެސް ހިތާމައަކީ، ޞިއްޙީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން، އެފަދަ ކުދީންނަށް ފަރުވާކުރެވޭނެ އިންތިޒާމެއް، މިދިޔަ އަހަރުތަކުގައިވެސް ހަމަޖައްސާފައި ނެތުން. އެކަން އެހެންވީ، ބަޔަކު މީހުން އެނިޒާމުގެ ނަހަމަ ބޭނުން ހިފަމުން ދިޔުމުން" ރައީސް ވިދާޅުވިއެވެ.

ބައެއް ކުދިން އުފަންވާއިރު، ހިތުގެ ބަލި ހުރުމަކީ ހުރިހާ ޤައުމެއްގައިވެސް ކުރިމަތިވާ ކަމެއްކަން ފާހަގަކުރައްވައި އެފަދަ ބަލިތަކުގައި ރާއްޖޭގެ ކިތަންމެ ކުދިންނެއްގެ ފުރާނަ ގެއްލިފައިވާކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި މީގެ 10 އަހަރު ކުރިން، ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އުފެދުމާއި ހަމައަށް، ތުއްތު ކުދިންނަށް އެ ހާލަތު މެދުވެރިވަނީ، ކޮންޖެނިޓަލް ހާޓް ޑިޒީސް ކިޔާ ބައްޔެއްގެ ސަބަބުންކަން، ގިނަ ބަޔަކަށް ނޭނގި އޮތްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ އެކަމަށް ސަރުކާރުން ސަމާލުކަން ދޭން ފެށީވެސް، ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް އުފައްދައިގެން ކުރި މަސައްކަތުންކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޓައިނީ ހާޓްސް ޖަމިއްޔާ ފެށިގެން އައި ގޮތުގެ މައްޗަށްވެސް ބައްލަވާލައްވާ ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން އެ ޖަމްޢިއްޔާ އުފެއްދުމަށް މަސައްކަތްކުރެއްވި ދެމަފިރިންގެ ހިތްވަރާއި އެ ޖަމްޢިއްޔާގެ މަސައްކަތާއި އެކު އުފަންވާއިރު ހިތުގެ މައްސަލަ ހުންނަ ކުދިން ދުރާލައި ދެނެގަނެވި، ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި އުފަންވި، އެފަދަ އެތައް ސަތޭކަ ކުދިންނެއްގެ ފުރާނަ ސަލާމަތް ކުރެވިފައިވާކަމުގައި ވިދާޅުވިއެވެ.