ވަރަށް ބޮޑަށް އަނިޔާކޮށް އެއްލާލައިފައި އޮތް މީހަކު ސ. މަރަދޫން ފެނިއްޖެއެވެ.
މަރަދޫން ވާހަކަ ދެއްކި މީހަކު ބުނީ ވަރަށް ބޮޑަށް އަނިޔާކޮށްފައި އެއްލާލާފައި އޮތް މީހަކު އެރަށު ފުއްޓަރު ފަރާތުން ފެނިފައިވާ ކަމަށެވެ. އޭނާ ފެނުނު އިރު އެއްވެސް ހަރަކާތެއް ނެތް ކަމަށް މައުލޫމާތު ލިބިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ މިހާރު ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެނެވިފައެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފުއް ސާދާތު ވިދާޅުވީ އަނިޔާކޮށްފައި އޮތް މީހަކު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެނެވިފައިވާ ކަމަށާއި، އޭނާއަށް ފަރުވާ ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސާތު ވިދާޅުވީ އެމީހާގެ އެއްވެސް މައުލޫމާތެއް އަދި ސާފު ނުވާކަމަށެވެ. އަދި ލިބިފައިވާ ގެއްލުމުގެ ތަފްސީލެއްވެސް އަދި ނޭގޭ ކަމަށެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މިކަމުގެ މައުލޫމާތު މިއަދު މެންދުރު 15:30 ހާއިރު ލިބިފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
އަދި މި މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.