މީގެ ފަސް އަހަރު ކުރިން މާލެއިން ވައިގެ މަގުން އައްޑުއަށް މަސްތުވާތަކެތި އެތެރެކުރި މީހެއްގެ މައްޗަށް، ހެކި ގެންގުޅުނު ގޮތް ގޯސް ކަމަށް ކަނޑައަޅައި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުން ނިކުމެ ކާރެއްގައި ދަނިކޮށް ފުލުހުން އޭނާ ހުއްޓުވައި ގަމުގައި ހުންނަ ފުލުސް ސްޓޭޝަނަށް ގޮސް ޗެކްކުރި އިރު އޭނާގެ ފައިގެ ފަލަ މަސްގަނޑުގައި މަސްތުވާތަކެތި ޓޭޕު އަޅައި ރައްކާކޮށްފައި ހުރި ކަމަށާއި އެއީ އޭނާ ގެނައި އެއްޗެހި ކަމަށް އިއުތިރާފްވި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދިން އިރު ފުލުހުންގެ ހެކިބަސް ބަދަލުވެފައިވާއިރު އެއް ފުލުހަކު ބުނެފައިވަނީ އޭނާ ގެނައީ މާލެއިން މީހަކު ހަދިޔާގެ ގޮތުގައި ދިން އެއްޗެހި ކަމަށެވެ. ނަމަވެސް އެހެން ފުލުހަކު ދިން ހެކިބަހުގައި ބުނެފައިވަނީ އޭނާ ގެނައީ މާލެއިން މީހަކު ގެނައުމަށް ހަވާލުކުރި އެއްޗެއް ކަމަށް ބުނި ކަމަށެވެ.
ހައްޔަރުކުރި މީހާ ފުރަތަމަ ޝަރީއަތުގައި އެދިފައިވަނީ ދައުލަތުން އޭނާއަށް ވަކީލަކު ހަމަޖައްސައި ދިނުމަށެވެ. ނަމަވެސް ފަހުން އާއިލާއާ ވާހަކަ ދައްކައިގެން އަމިއްލަ ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ދިނުމަށް އެދިފައިވެއެވެ.
ވަކީލެއްގެ ގޮތުގައި އައްޔަން ކުރި އަބްދުﷲ ޝާއިރު ވަނީ ދިފާއީ ހެކިން ހުށައެޅުމުގެ ފުރުސަތަކަށް ވެސް އެދިފައެވެ. ނަމަވެސް ހެކިން ހުށައަޅަން ދިން ފުރުސަތުގައި ދިފާއީ ހެކިންގެ ގޮތުގައި ހުށައަޅަން ބުނި ދެ އެއާޕޯޓުގެ ޗެކިން ސްޓާފުން ހުށައަޅާފައިނުވާ ކަން ފާހަގަކޮށްލެވެއެވެ.
ނަމަވެސް ދިފާއީ ވަކީލް ވަނީ މައްސަލައިގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވާ ކަމަށް ފާހަގަކޮށްފައެވެ. އޭނާ ހުކުމުން ސަލާމަތްވީ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވާ ކަމަށް ބުނެއެވެ. ޝަރީއަތުން ވަނީ ކުށުގެ ވެށިން ނެގުނު މަސްތުވާތަކެތި ނެގުމާއި ހަމައަށް ފެށިގެން ލެބޯޓަރީއަށް އެތަކެތި ފޮނުވައި ތަހުލީލުކޮށް ނިމިގެން އައުމާއި ހަމަޔަށް ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ އެނގެން ނެތްކަމަށް ބުނެފައެވެ.
ދިފާއުން ވެސް ވަނީ "ޗެއިން އޮފް ކަސްޓަޑީ ފޯމު ފުރިހަމަ ނުވާ ކަމަށާއި މަސްތުވާތަކެތި ލިފްޓްކުރެވުނ ހިސާބުން އެކަކު އަތުން އަނެކަކު އަތައް ދައުރުވަމުންދިޔަ ގޮތް މިމައްސަލައިގައި އެނގެން ނެތްކަމަށާއި އެކަން އެނގިގެންދަނީ މަސްތުވާތަކެއްޗާއެކު ދައުރުވާ ޗެއިން އޮފް ކަސްޓަޑީގެ ކުޑަ ކާޑުންކަމަށާއި ދައުލަތުން ޗެއިން އޮފް ކަސްޓަޑީގެ ނަމުގައި ހުށަހަޅާފައިވާ ހަތަރު ސަފްހާގެ ޑޮކިއުމަންޓުގައި ހުރީ ކޮމްޕިއުޓަރ ޖެނެރޭޓެޑް މައުލޫމާތުތަކެއް ކަމަށާއި އޭގައި އެއްވެސް ފަރާތެއްގެ ސޮޔެއް ނެތްކަމަށް ބުނެފައެވެ.
ގަމުން އޭނާ ހައްޔަރުކުރި އިރު ވާއަތުފައިގައި 191.7000 ގްރާމް ކެނަބިސް އަދި އަނެއްފައިގައި 214.5000 ގްރާމް ކެނަބިސް ހުރި ކަމަށް ތަހްލީލު ރިޕޯޓުން ދައްކާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައިވެއެވެ.
ކެނެބިސް ޓްރެފިކް ކުރުމަކީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކުށެކެވެ. ނަމަވެސް ހެކި ގެންގުޅުނު ގޮތުން އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.