Last Updated: November 29, 05:56
Friday, November 29, 2024
ޚަބަރު

ޕާކިން ސްޓިކާ ޖަހައިގެން މިހާތަނަށް 23 މިލިއަން ރުފިޔާ މި ސަރުކާރުން ހޯދައިފި: ޝިޔާމް

ގަވާއިދާއި ހިލާފަށް މާލޭގައި ޕާކުކޮށްފައިވާ ވެހިކަލްތަކުގައި ޕާކިން ސްޓިކާ ޖަހައިގެން ދައުލަތަށް މިހާތަނަށް 23 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ޕާކިން ސްޓިކާ ޖަހައިގެން ދައުލަތަށް މިހާތަނަށް 23 މިލިއަން ރުފިޔާ ލިބިފައިވާ އިރު އަހަރު ނިމޭއިރު އެ އަދަދު ތިން ގުނައަށް އިތުރުވެގެންދާނެކަމަށެވެ. އަދި މިއީ ކަންބޮޑުވާ ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިއަހަރުގެ ދައުލަތުގެ ބަޖެޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޭނުންފުޅުވީ ގޮތަށް އެމަނިކުފާން އެކުލަވާލެއްވި ޓްރާންސިޝަން ކޮމެޓީން އެކުލަވާލި ބަޖެޓެއް ކަމަށެވެ.

"ރައީސް ޔާމީންގެ ސަރުކާރުގައި ނޯންނާނެ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީއެއް، ޓްރާންސްޕޯޓު މިނިސްޓްރީއެއް، އެހެން ނަމަވެސް މި ބަޖެޓު ކަރުދާސްތައް 2019 ވަނަ އަހަރު ބަޖެޓު ތިބޭފުޅުން ބައްލަވާ ލައްވާ، އެ މިނިސްޓްރީތަކަށް ވަކިވަކިން އެލޮކޭޓު ކުރައްވާފައި ހުންނާނެ ފައިސާ، އަޅުގަނޑުމެންނަށް މި ފެންނަނީ ޓްރާންސްޕޯޓު މިނިސްޓްރީން ސްޓިކާގެ ގޮތުގައި، ސްޓިކާ ފައިންގެ ގޮތުގައި 23 މިލިއަން، އަޅުގަނޑުމެން ބަޖެޓުކޮށްފައި އޮންނާނީ 12 މިލިއަން ހޯދަން ،އެކަމަކު 23 މިލިއަން ޖުލައި މަހާއި ހިސާބަށް ހޯދާފައި އޮތް އޮތުމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް"

ޝިޔާމް ވިދާޅުވިއެވެ.

ޕާކް ކުރާނެ ތަން ނުދައްކައި ޕާކިން ޖުރިމަނާ ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދަށް އަލި އަޅުއްވައި ޝިޔާމް ވިދާޅުވީ އަހަރު ނިމޭއިރު މިއަދަދު ތިން ގުނަ ވާނެ ކަމަށް ޝައްކު ނުކުރައްވާ ކަމަށެވެ.

ގަވާއިދާއި ހިލާފަށް ޕާކް ކުރާ ވެހިކަލްތަކުގައި ޕާކިން ސްޓިކާ ޖަހަަމުންދާތީ މިސަރުކާރަށް ބޮޑެތި ފާޑުކިއުން ތައް ދަނީ އަމާޒުވަމުންނެވެ. އެކަމާއި ގުޅިގެން ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ވަނީ މަޖްލިސްއަށް ހާޒިރު ކޮށްފައެވެ.

މިނިސްޓަރ ނަހުލާ ވިދާޅުވީ ޕާކިން ސްޓިކާ ޖަހަނީ ގަވާއިދާއި ހިލާފަށް ޕާކް ކުރާ ވެހިކަލް ތަކުގައި އެކަނިކަމަށެވެ.