ހދ. ނޮޅިވަރުން ފުރައިގެން ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި އޭގެއިން ދަތުރުކުރި 5 މީހުން މަރުވި ހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އައްޑޫ ރައްޔިންގެ ނަމުގައި އައްޑޫ ސިޓީ ކައުންސިލުން ތައުޒިޔާ ދަންނަވައިފިއެވެ.
މިއަދު މެންދުރު ހިނގި މި ހިތާމަވެރި ހާދިސާގައި މަރުވެފައިވަނީ އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު މީހަކާއި އިތުރު މީހެކެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު ތައުޒިޔާގެ ބަޔާނުގައި ބުނެފައިވަނީ މި ހިތާމަވެރި ދަނޑިވަޅުގައި އެއާއިލާތަކަށް ކެތްތެރިކަން ދެއްވައި ނިޔާވި ފަރާތްތަކަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުން އެދި ދުއާ ކުރާ ކަމަށެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ނޮޅިވަރަންފަރު ސްކޫލްގެ ޓީޗަރު ހުސެއިން އާއި އޭނާގެ އަންހެނުން މަރިޔަމް މަނިކަ އާއި އެދެމަފިރިންގެ ދަރިފުޅު ގުރެއިޝާ އިތުރުން ގުރެއިޝާގެ ދަރިފުޅެވެ.
މި ހާދިސާގައި މަރުވި އެންމެންގެ ޖަނާޒާ ހަނިމާދޫގައި ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.