ހދ. ހަނިމާދޫ ކައިރިން އިއްޔެ މެންދުރު ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި 5 މީހުންގެ ހިމެނޭ ހދ. ނޮޅިވަރަންފަރު، އަހިމާގެ ހުސެއިން އަބްދުﷲ (ބޮޑު ޓީޗަރު) އަކީ ނޮޅިވަރަންފަރު ސްކޫލްގެ ބައްޕަ ކަމަށާއި، އެއީ ޓީޗަރުންގެ އާއިލާގެ މުހިއްމު މެމްބަރެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ތ އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތ. ބުރުނީ ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މި ހިތާމަވެރި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމުގައިކަމަށެވެ.
ރައީސް ވިދާޅުވީ މި ހާދިސާގައި ނިޔާވި އެއް ބޭފުޅަކީ ރަށުގެ ސްކޫލްގެ އިސްލާމް ޓީޗަރު ހުސެއިން އަބްދުﷲ ކަމަށާއި ހަގީގަތުގައި ހުސެއިން އަބްދުﷲ އަކީ އެ މަދަރަސާގެ ބައްޕަ ކަމަށެވެ.
ރައީސް ވިދާޅުވީ ނޮޅިވަރަންފަރުގައި ފުރަތަމަ ކިޔަވައިދޭން ފެށިއިރު މުޅި މަދަރުސާއަކީ ޙުސައިން ޢަބްދުﷲ ކަމަށާއި އޭނާއަކީ ރާއްޖޭގެ މުދައްރިސުންގެ ޢާއިލާގެވެސް ވަރަށް އަގުހުރި މެންބަރެއްކަމުގައި ރައީސު ވަނީ ސިފަކުރައްވާފައެވެ.
ރައީސް ވިދާޅުވީ ޙުސައިން ޢަބްދުﷲ ޚިދުމަތުގައި މެދުނުކެނޑި 35 އަހަރު ހޭދަކުރައްވާފައި ވާއިރު އޭނާގެ ވަކިވެދިޔުމަކީ އެރަށަށް އަދި އެރަށު މަދަރުސާއަށް ލިބުނު ފޫ ނުބެއްދޭނެ ގެއްލުމެއް ކަމަށެވެ. މިހާދިސާގައި އެ މަދަރުސާގެ އެހެން ޓީޗަރެއްކަމަށްވާ ޢަބްދުއްޝުކޫރުގެ އަނބިކަނބަލުންވެސް ވަނީ މި ދުނިޔެ ދޫކުރައްވާފައެވެ.
މި ހިތާމަވެރި ހާދިސާގައި ހުސެއިން އަބްދުﷲ އާއި އޭނާގެ އަނބިކަބަލުން މަރިޔަމް މައުސޫމާގެ އިތުރުން ދެމަފިރިންގެ ދަރިފުޅު ފާޠިމަތު ގުރެއިޝާ އާއި ގުރެއިޝާގެ އުމުރުން ތިން އަހަރުގެ ދަރިފުޅު ވަނީ މަރުވެފައެވެ.
މި ހިތާމަވެރި ހާދިސާގައި ނިޔާވި، ބޭފުޅުންގެ ފާފަތައް ފުއްސަވައިދެއްވައި، ޝަހީދުންގެ ދަރަޖައިގައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާކަމަށާއި، އެބޭފުޅުންގެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވައި، ދަރުމައާއި ސަވާބު އިތުރުކޮށްދެއްވުންއެދި ދުޢާ ކުރައްވާ ކަމުގައި ރައީސު އިބްރާރިން މުހައްމަދު ސޯލިހު ވިދާޅުވިއެވެ.