Last Updated: November 29, 05:56
Friday, November 29, 2024
ޚަބަރު

މައުމޫނަށް އެއްޗެހި ކިޔައި ލިޔުނު ތަކެތި ބެހީ ހުޠުބާއަށް އަޅައިގެން: ނަޝީދު

ރައީސް ނަޝީދު ރައީސް މައުމޫން އާއި ސަލާމް ކުރައްވަނި، ފޮޓޯ: ޝަރަފް/އައްޑޫލައިވް

ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނަށް އެއްޗެހި ގޮވައި ލިޔުނު ތަކެތި ބެހީ ހުޠުބާތަކަށް އަޅައިގެން ކަމަށް ކުރީގެ ރައީސް އަދި މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސްގައި ޒުވާނުންނާއި މުހާޠަބު ކުރައްވައި ނަޝީދު ވިދާޅުވީ އެދުވަސްވަރު ރައީސް މައުމޫންއަށް އަމާޒުކޮށް އެއްޗެހި ކިޔާފައި ލިޔުނު ލިޔުންތައް ބެހީ ހުޠުބާތެރެއަށް އަޅައި ހީރަސް ޖަހައިގެން ކަމަށެވެ.

"…އަޅުގަނޑުމެން ދެން ހަދަން ފެށިގޮތަކީ މިސްކިތުގެ ހުޠުބާގެ ތެރެއަށް ލަނީ، ދެން އޭރު ހުޠުބާ ބަހަމުން ބަހަމުން ދާނީ.. ދެން ރީތިކޮށް ހުކުރު ނިންމާލާފައި ހުރިހާ އެންމެނަށް ހުޠުބާ ބަހައި، ދެން އެއްކަލަ ހުޠުބާ ނަގައި، ފުރަތަމަ ނަގަނީ ހުޠުބާތައް، އެއް ދުވަހަކު، ނަގާ ބަހައްޓާފައި އެ ހީރަސްތައް ނައްޓާފައި އޭގެ ތެރެއަށް ލާފައި އަނެއްކާ ހީރަސް ޖަހާފައި ހުޠުބާތައް ރީތިކޮށް ބަހައްޓަނީ، ދެން ރީތިކޮށް ބަހަމުން ބަހަމުން ބަހަމުން ވަރަށް ގިނަ ދުވަސްވީ ފަހުން އިނގޭތޯ މި ހުތުބާގެ، އަދި މިއެގުނީ ހުޠުބާގެ މައްސަލަ."

ރައީސް ނަޝީދު ވިދާޅުވީ ހުޠުބާގެ ތެރެއަށް ލިޔުން އަޅައިގެން އެތައް ދުވަހެއް ވަންދެން ބަހަމުން ދިޔަ ކަމަށެވެ. އަދި އެކަން ސަރުކާރުގެ ސަމާލުކަމަށް އައީ އެކަން ކުރާތާ އެތައް ދުވަހެއް ފަހުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް މައުމޫން އާއި ދެކޮޅު ލިއުންތައް ގޭގެއަށްދާ ގޮތާއި މެދު އޭރު ވަރަށް ބޮޑަށް ބަލަމުން ދިޔަ ކަމަށާއި އޭރު ހިނގާ ގޮތް ފުލުސް އޮފީހުން ބަލަމުން ދިޔަ ކަމަށެވެ.

"ދެން ވާނެ ގޮތަކީ އެމީހުން ގެންދާނެތާ، ގެއަށް ހުޠުބާ ދެއްތޯ. އޭތި އެއްލާލާކަށް ވެސް ނުކެރޭނެ، ދެން މުޅި ހަފްތާ ވަންދެން އޭރު ހުޠުބާ ގޭގައި އުޅޭނެ، ދެން އެހެންވީމާ ދެ ގަނޑު އިންނާނެ އޭގައި ޖެހިފައި، ދެން އޭގެ ތެރޭގައި އެއްކަލަ މައުމޫނަށް އެއްޗެހި ކިޔާފައި އިންނަ ގަނޑު އިންނާނެ"

ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ ރައީސް މައުމޫނަށް ފާޑު ކިޔައިގެން އެތައް ފަހަރަކު ބަންދު ކުރެވި ޖަލަށް ލެވިފައިވާ މީހެކެވެ.