ކުޅުދުފުއްޓާއި ހޯރަފުށީގައި އެއާޕޯޓު އެޅުމަކީ މޮޔަ ކަމެއް ކަމަށް ކުރީގެ ރައީސް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަ ބަލައިނުގަނެވޭނެ ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށި އޮންލައިނަށް އަބްދުއްލަތީފް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރަށުގެ ތަރައްގީއަށް ނިކަމެތިކަން އަންނަ ގޮތަކަށް ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައިވާ ކަމަށާއި އެކަން ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން ބަލައިނުގަނެވޭނެ ކަމަށެވެ.
ރައީސް ނަޝީދު ފަދަ ތާއީދު ބޮޑު ލީޑަރަކު އެފަދަ ވާހަކަފުޅެއް ދެއްކެވެމުން ހިތާމަ ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދުގެ ވާހަކަފުޅުގައި ކަޅުބިލަ މަހުން ނަފާ ހޯދުމުގެ ވާހަކަ ހިމެނުއްވި ކަމަށާއި ސަރުކާރުން އެކަމާ ގުޅޭގޮތުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން އޭނާ ވަނީ ފާހަގަކޮށް އެކަމާ ގުޅޭގޮތުން ވެސް ފާޑުވިދާޅުވެފައެވެ.