ޕެޕާ ސްޕްރޭ ޖެހި އެންމެނަށް ސަރުކާރުން ވަޒީފާ ހަމަޖައްސައި ނުދެވޭނެ ކަމަށް އިއްޔެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެން އެމަނިކުފާނު މައާފަށް އެދިވަޑައިގެންފިއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ބަހުރުވަ ހުރި ގޮތުން އޮޅިވަޑައިގެންފިނަމަ އެކަމަށް މައާފަށް އެދޭ ކަމަށެވެ. ނަމަވެސް ފާހަގަކުރަން ބޭނުންފުޅުވި ނުކުތާއަކީ އެންމެނަށް ސަރުކާރުން ވަޒީފާ ހަމަޖެއްސުމަކީ ވާނެ ކަމެއް ނޫން ކަމަށާއި، ވަޒީފާ ހަމަޖެހެން ޖެހޭނީ ސިޔާސަތަށް ހިންގައިގެން އުފެދޭ ދެމެހެއްޓެނިވި ވަޒީފާއެއް ކަަމަށެވެ.
ޕެޕާ ސްޕްރޭ ޖެހި އެންމެނަަށް ވަޒީފާ ނުދެވޭނެ ކަމަށް އިއްޔެ ބޭއްވި އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސްގައި ރައީސް ނަޝީދު ވިދާޅުވުމުން މީގެ ހަ އަހަރު ކުރިން އެމަނިކުފާނުގެ ސަރުކާރެއްގައި ވަޒީފާ ނުލިބޭ އެންމެ ޒުވާނެއްވެސް ނުހުންނާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަ ބައެއް މީހުން ވަނީ ހަނދުމަށް ފުޅަށް ގެނެސްދެއްވާފައެވެ.
އަދި ޕެޕާ ސްޕްރޭ ޖެހީ އެމަނިކުފާނުގެ މިނިވަންކަމަށް ކުރެއްވި މަސައްކަތުގެ ސަބަބުން ކަމަށާއި ވަޒީފާ ހޯދަން ނޫން ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.