މީގެ ފަސް އަހަރު ކުރިން ވަގަށް ނަގާފައިވާ ނޫސްވެރިޔާ، އަހުމަދު ރިޟްވާން ވަގަށް ނެގި ހަރުކަށި ފިކުރުގެ ޖަމާއަތާއި، ސީރިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތް އައިއެސްއާ ގުޅުން އޮންނަކަމާއި ދެ ފަރާތުން މުއާމަލާތް ކޮށްފައިވާ ކަން ތަހުގީގަށް އެނގިފައިވާ ކަމަށް މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
ތަހުގީގަށް އެނގުނު މައުލޫމާތު ހާމަކުރައްވަމުން ސުއޫދު ވިދާޅުވީ ރާއްޖޭގައި ހަރުކަށި ޖިހާދީ ފިކުރު ގެންގުޅެ އެމަސައްކަތް ކުރަނީ އެއް ބަޔެއް ކަން އެނގިފައިވާ ކަމަށާއި އެމީހުން މަޝްވަރާކޮށް އުޅެނީ ފުރުގާން މިސްކިތާއި ނޫރު މިސްކިތުގައި ކަން އެނގިފައިވާ ކަމަށެވެ.
އަދި 2011 ވަނަ އަހަރު މިނިވަން ފިކުރުގެ ޖަމާއަތުން ބޭއްވި އެއްވުމަކަށް ހަރުކަށި ފިކުރުގެ ޖަމާއަތުން ހުރަސް އަޅައި ގާއުކާފައިވާ ކަމަށާއި އެމީހުން ވަނީ ދީނަށް ފުރައްސާރަ ކުރާ ކަމަށް ބުނާ މީހުންގެ ލިސްޓެއް ވެސް ތައްޔާރުކޮށްފައި ކަން އެނގިފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ. އަދި އެ ލިސްޓުގައި ހިމެނޭ މީހުންނަށް އިންޒާރުދީ ފާރަލަމުން ވެސް ދިޔަކަން އެނގިފައިވާ ކަމަށް ވިދާޅުވިއެވެ.
ރިޟްވާން ވަގަށް ނެގުމުގެ ކުރިން މިޖަމާއަތުގެ މީހަކު ފާރަލަމުންދާ ކަމަށް ރިޟްވާން ޓުވީޓެއް ވެސް ކުރި ކަމަށާއި ހެކިންގެ ހެކިބަހުން ވެސް އެކަން އެނގިފައިވާ ކަމަށް ސުއޫދު ވިދާޅުވެފައިވެއެވެ.
މި ޖަމާއަތުން މަސައްކަތް ކުރަމުން ދަނީ ބޭރުގެ ހަނގުރާމަވެރި ފަރާތްތަކާއި ގުޅިގެން ކަމަށާއި މިމީހުން ހަނގުރާމައަށް މީހުން ހޯދަނީ އެކަނިވެރިވެފައިވާ ޒުވާނުން ހޯދައިގެން އެމީހުން ފަހަތުން ގޮސް ޖިހާދީ ފިކުރު އެމީހުންނަށް ކިޔާދީ ހަނގުރާމައަށް ފޮނުވަން މަސައްކަތް ކުރާ ކަމަށް ވިދާޅުވިއެވެ. އަދި މިމީހުންގެ ތެރޭގައި ދައުވާ ދިނުމަށާއި ފައިނޭންސްއަށާއި އެހެނިހެން ކަންކަމަށް ވަކި ބަޔެއް ހެދި، ކޮންމެ ބަޔަކުން ވެސް އެމީހުންގެ މަސައްކަތް ކުރަމުން އަންނަ ކަން އެނގިފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.