ރާއްޖޭގައި ދީނީ ހަރުކަށި ފިކުރަށް ނިސްބަތްވާ ދެޖަމާއަތެއް ހަރަކާތްތެރިވާ ކަމަށާއި އެއީ އިސްލާމިކް ސްޓޭޓް(އައިއެސް) އަށް ނިސްބަތްވާ ޖަމާއަތާއި އަލްގައެދާއަށް ނިސްބަތްވާ ޖަމާއަތެއް ކަމަށް މަރުތަކާ ބެހޭ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
މި ދެޖަމާއަތުން ވެސް މަސައްކަތް ކުރަނީ ހަނގުރާމައަށް މީހުން ފޮނުވުމަށް މީހުން ރެކްރޫޓް ކުރުމަށް ކަމަށް ސުއޫދު ވިދާޅުވިއެވެ. އަދި މިގޮތަށް ރެކްރޫޓް ކުރާ މީހުންނާ އެކި އެކި މަސައްކަތް ހަވާލުކުރާ ކަމަށާއި ބައެއް މީހުންނަށް ވިޔަފާރި ކުރުމުގެ މަސައްކަތް ހަވާލުކުރާ ކަމަށާއި ބައެއް މީހުންނާއި ދީނަށް ފުރައްސާރަކުރާ ކަމަށް ބުނާ ފަރާތްތަކަށް އަނިޔާ ދީ ހަމަލާދޭން ހަވާލުކުރާ ކަމަށް ސުއޫދު ވިދާޅުވިއެވެ.
އަލްގައެދާއަށް ނިސްބަތްވާ ޖަމާއަތުން ފައިސާ ހޯދަނީ އެކިއެކި ވިޔަފާރި ކޮށްގެން ކަމަށާއި އެއީ ފޮތި ފިހާރަތަކާއި ތަރުކާރީ ވިޔަފާރިތަކާއި ކަންނެލި މަސްދޯނި ފަދަ މަސައްކަތް ކޮށްގެން ކަމަށް އެނގިފައިވާ ކަމަށާއި މިކަމުގައި އިސްކޮށް ހަރަކާތްތެރިވަނީ އައްޑޫ ސިޓީ ހިތަދޫ މީހެއްކަން އެނގިފައިވާ ކަމަށެވެ.
އިސްލާމިކް ސްޓޭޓަށް ނިސްބަތްވާ ޖަމާއަތުން ފައިސާ ހޯދަނީ ބޮޑެތި ވައްކަން ކޮށްގެން ކަމަށާއި އަދި މިމީހުންވެސް ކޮންމެވެސް ވަރަކަށް ވިޔަފާރި ކޮށް ފައިސާ ހޯދިކަން އެނގިފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ. މާލޭގައި ފަހަކަށް އައިސް ހިނގާފައިވާ ބޮޑެތި ވައްކަންތައް ކޮށްފައިވަނީ ސީދާ މިޖަމާއަތުން ކަން އެނގިފައިވާ ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.
އަދި މި ދެޖަމާއަތުން ވެސް ހޯދާ ފައިސާއިން އެއް ބައި ބޭރުގެ ހަނގުރާމަތަކަށް ފަންޑުކުރުމަށް އެ ޖަމާއަތެއް ނިސްބަތްވާ ހަނގުރާމަވެރި ޖަމާއަތަށް ފައިސާ ފޮނުވަމުންދާ ކަން އެނގިފައިވާ ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.