މަރުތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ މަރާލާފައިވާ ކަން ކޮމިޝަންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
ތަހުގީގަށް ހެކިބަސް ދިން އެކެއްގެ ހެކިބަހުން ރިޟްވާން ވަގަށް ނަގައި، ކުޑަ ޑިންގީއަކަށް އަރުވާލައިގެން ގޮސް ކަނޑުގައި އޮތް އެހެން އުޅަނދަކަށް އަރުވައި މަރާލާފައިވާ ކަން ވަރަށް ސާފުކޮށް އެނގިފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.
މިމައްސަލާގައި ތިން މީހެއްގެ ހެކިބަސް ނެގި ކަމަށާއި ތިން މީހުންގެ ހެކިބަހުން ވެސް މިކަން ހިނގާފައިވަނީ މިގޮތަށް ކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ. ރިޟްވާން މަރާލީ ހަރުކަށި ފިކުރަށް ނިސްބަތްވާ ޖަމާއަތަކުން ކަމަށާއި އެކަން ވެސް ތަހުގީގަށް ސާބިތުވެފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.
ނަމަވެސް ރިޟްވާން މަރާލީ ކޮން ގޮތަކަށް ކަން އަދި ސީދާ ތަހުގީގަށް އެނގިފައިނުވާ ކަމަށާއި އެކަން ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ސުއޫދު ވިދާޅުވިއެވެ.
ރިޟްވާން މަރާލީ ގެއަށް ވަންނަން އުޅެނިކޮށް ގަދަކަމުން ކާރަކަށް އަރުވައިގެން ގޮސް ކަމަށާއި ކާރުގެ ކުރީގައި ދެމީހަކު ތިބި ކަމަށާއި އޭގެ ތެރެއިން އެކަކަކީ ކާރުގެ ވެރިފަރާތް ކަމަށްވާ އާލިފް ރައޫފް ކަން އެނގިފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ކާރުގައި ދެން ތިބި ދެމީހުންގެ ނަން ހާމަކޮށްފައިނުވާއިރު އެމީހުން ރިޟްވާން ގެންގޮސް ޑިންގީއަކަށް އަރުވައިގެން އެހެން އުޅަނދަކަށް އަރުވާ މަރާލީ ކަން ކަށަވަރުވެފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.