ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ގުޅޭގޮތުން މަރުތަކާއި ބެހޭ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު މިއަދު ހާމަ ކުރެއްވި މައުލޫމާތަކީ މީގެ ތިން އަހަރު ކުރިން ފުލުހުން ހޯދައި އާއްމުކޮށްފައިވާ މައުލޫމާތުކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސް ކޮންފަރެންސެއްގައި ސުއޫދު ވަނީ ރިލްވާނު ގެއްލުވާލި ހާދިސާގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން ރިލްވާނު ވަގަށް ނަގައި މަރާލާފާއިވަނީ ދީނީ ހަރުކަށި ޖަމާއަތުގެ ބައެއް ކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.
ސުއޫދު މިއަދު ހާމަކުރެއްވި މައުލޫމާތުތަކާ ގުޅިގެން އުމަރު ވިދާޅުވީ އެ ވާހަކަތަކަކީ މަރުތަކާ ބެހޭ ކޮމިޝަނުން އަލަށް ހޯދި ކަންކަމެއް ނޫން ކަމަށާއި އެއީ ފުލުހުންގެ ތަހުގީގުގައި ކުރިން ވެސް ހޯދާފައި ހުރި މައުލޫމާތު ކަމަށެވެ. އަދި މައުލޫމާތުތަކުގެ އަލީގައި އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްގެން ތަހުގީގު ކުރެވިފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ.
އަދި މައްސަލަ ޝަރީއަތަށް ވެސް ފޮނުވުނު ނަމަވެސް ނަމަވެސް ޝަރުއީ ކޯޓެއްގައި ސާބިކުރާ ހެކި ނެތުމުން އެ މައްސަލަ ސާބިތުވެފައިނުވާކަން އުމަރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ހޯޯދި ހެކި ނޫން އިތުރު ހެއްކެއް ލިބިލައްވައިފިނަމަ އަވަހަށް މައްސަލަ ޝަރީއަތަށް ފޮނުއްވާ" އުމަރު ވިދާޅުވިއެވެ.
މީގެއިތުރުން އުމަރު ވަނީ ދައުލަތުގެ ފަރާތުން މީހަކު މަރުވި ކަމަށް ބުނެވޭނެ ދެ ހާލަތެއް ވެސް ބަޔާންކޮށްފައެވެ. އެގޮތުން ފުރަތަމަ ހާލަތަކީ މަރުވި މީހާގެ ހަށިގަނޑު ފެނުން ކަމަށާއި ދެވަނަ ހާލަތަކީ މަރާލި މީހުންގެ ބަހުން ނުވަތަ އެ ބައެއްގެ ބަހުން ނަމަވެސް ޝަރުއީ ކޯޓެއްގައި އެކަން ސާބިތުވުން ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"މިއީ މުޅި ދުނިޔޭގައި އަމަލު ކުރަމުންދާ އުސޫލު. އަޅުގަނޑުމެން ސަރުކާރުން ތިޔަ މައުލޫމާތު ހާމަނުކުރީ މި ދެންނެވި ސަބަބަށްޓަކާ. ވިއެޓްނާމް ހަނގުރާމައިގައި މަރުވެފައިވާ ކަމަށް ބެލެވޭ އެތައް ހާސް ބަޔަކަށް އަދިވެސް މުހާތަބު ކުރެވެނީ "މިސިން އިން އެކްޝަން" ގެ ގޮތުގައި" އުމަރު ވިދާޅުވިއެވެ.
ރިލްވާންގެ މައްސަލަ އޭރުވެސް އަދި މިހާރުވެސް ބަލަމުން އަންނަނީ ފުލުހުންގެ އިދާރާގައި ތިބި އެންމެ މޮޅެތި އިންވެސްޓިގޭޓަރުން ކަމަށާއި ރިލްވާންގެ މައްސަލަ ނުބަލަން ނުވަތަ ލަސްކުރަން ނުވަތަ ފޮރުވަން ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އޭނާ އަށް ވެސް އަދި ފުލުހުންގެ އިދާރާ އަށް ވެސް އަންގަވާފައި ނުވާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
ރިލްވާން ގެއްލުވާލި މައްސަލާގައި އިސްކޮށް އުޅުނީ ހ.ހިލްޓަން އާލިފް ރައޫފް އާއި ގދ. ވާދޫ ކަރަންކާގޭ، މުހައްމަދު ނޫރައްދީންއެވެ. މި ދެމީހުން ވަނީ އެ ދައުވާއިން ސަލާމަތްވެފައެވެ.