Last Updated: November 24, 13:27
Sunday, November 24, 2024
ރިޕޯޓް

ޕާޓީތަކުން "އަޑުގަދަ" ކުރާތީ ހުޅުމީދޫ ރަތަށް!

ހުޅުދޫ ޖޭޕީ ޖަގަހައެއް: ޖަގަހަތަކުން އަޑު ގަދަ ކުރާ މައްސަލަ ބޮޑު. ފޮޓޯ/ ކިއުންތެރިއެއް

ރިޔާސީ އިންތިހާބު ކައިރިވަމުން އަންނަ ވަރަަކަށް ޕާޓީތަކުގެ ކެމްޕޭން ފޯރި ގަދަވެ، ރޭގަނޑު ވަރަށް ދަންވަންދެން ވެސް އަޑުގަަދަކޮށް ލަވަ ޖަހައި ހަދާތީ ވަރަށް ބޮޑަށް އުނދަގޫވަމުންދާ ކަމަށް ބުނެ ހުޅުމީދޫގެ ގިނަ ބަޔަކު ޝަކުވާ ކުރަން ފަށައިފި އެވެ.

ހުޅުދޫން ވާހަކަ ދެއްކި ޒުވާނަކު ބުނީ އެމްޑީޕީ ޖަހަގަ އާއި ޖުމްހޫރީ ޕާޓީގެ ޖަގަހަ ހުންނަނީ އޭނާ ދިރިއުޅޭ ގެ ހުންނަ ހިސާބުގައި ވަރަށް ކައިރި ކައިރީގައި ކަމަށެވެ.

"އެ ދެ ޖަގަހަ ވަރަށް ކައިރީގައި ހުންނަ އިރު އެއް ބަޔަކަށް ވުރެ އަަނެއް ބަޔަކު އަޑު ގަދަ ކުރެވޭތީ މި ބަލަނީ. މިކަމާ ހެދި އަޅުގަނޑުމެންނަށް ގޭގައި ދިރިއުޅެން ވެސް ދަތުވެއްޖެ، ރޭގަނޑެއް ދުވާލެއް މިކަމުގައި ތަފާތެއް ނެތް. ލޮލުފިޔަ ވެސް ޖަހާ ލެވޭ ވަރެއް ނޫން،" އޭނާ ބުންޏެވެ. "އަނެއްކާ މި އަޑުފަށްގަނޑާ ހެދި ގޭގައި ތިބޭ ކުޑަ ކުދިންނަަށް ވެސް ނިދާލެވޭ ގޮތެއް ނުވޭ. ކުދިން ތިބެނީ ހަތަރުދަމު ހޭލާ ރޮއިރޮއި."

ޖަގަހަތަކުން އަޑުގަދަ ކުރާ މައްސަލާގައިު ވާހަކަ ދެއްކި ހުޅުދޫ އެހެެން މީހަކު ވެސް މިކަން މިހާރު އާންމު އުނދަގުލަކަށްވެއްޖެ ކަމަށެވެ.

"ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮންނަންވާނެ ނޫންތޯ. މިސާލަކަށް ކީއްތޯ ވަނީ ރޭގަނޑު އަށެކުން އެގާރަށް އެ މީހުން ކުރަން އުޅޭ ކަމެއްކޮށްފައި އަޑު ގަދަ ކުރުން ހުއްޓާލިއްޔާ. އެކަމަކު އެހެނެއް ނޫން މި ވަނީ ކޮންމެ ބަޔަކު ވެސް އެ ޕާޓިއަކުން ތާއިދު ކުރާ ޗެނަލެއްގެ ރަސްމި ގަޑި ނިމެންދެން ރަށް ގުގުމާ ވަރަށް އަޑުގަދަކޮށް ސްކްރީން އަޅުވައިގެން މި ތިބެނީ،" އޭނާ ބުންޏެވެ. "ދެން ހަމަ ދަންވާ ވަރަކަށް ފޯރި ހައްތަހާ ގަދަ ކުރާ ތަން މި ފެންނަނީ. މިކަމަކާ ޖެހިގެން ވެސް ކިޔަވާ ކުދިންނަށް ވެސް ފިލާވަޅުތައް ހަދަން ވެސް ދަތިވާ ހިސާބަށް ގޮސްފި. އަނެއްކާ ޖަގަހަތަކުގައި ލާރި އާއި ތެޔޮ ބިޑި ދީގެން ކުޑަ ކުދިން ބޭނުން ކުރާ މައްސަލަ ވެސް އެހާ ބޮޑު."

މީދޫން ވާހަކަ ދެއްކި މީހަކު ބުނީ އަޑުގަދަ ކުރާ މައްސަލާގައި ފުލުހުންނަށް ވެސް ތަކުރާރުކޮށް ޝަކުވާ ހުށަހެޅިއްޖެ ކަމަށެވެ.

"ފުލުހުން ބުނަނީ ޝަކުވާއެއް ނާންނާތީ ފުލުހުންނަށް ކުރެވޭނެ ކަމެއް ނެތް ކަމަށް. އެކަމަކު އަޅުގަނޑުން މި މައްސަލާގައި މިހާރު ދެ ފަހަރަކަށް ފުލުހުންނާ ހަމައަށް ޝަކުވާތައް ގެންގޮސްދިން،" އޭނާ ބުންޏެވެ. "ދެން ވެއްޖެ ނޫންތޯ މިކަން ކޮންމެވެސް ހުއްޓުވަން މަސައްކަތްތަކެއް ކޮށްދޭން."

ކުރިން ވާހަކަ ދެއްކި ހުޅުދޫ ޒުވާނާ ބުނީ ޕާޓީތަކުން އަޑުގަދަ ކުރާ މައްސަލާގައި ފުލުހުން ޕާޓީތަކުގެ ޖަގަހަތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާ އެކު ވަރަށް އަވަހަށް ބައްދަލުވުމަކަށް ދާނެ ކަމުގެ އިޝާރާތެއް ފުލުހުން ދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި އުޅެނީ ކޮންމެހެން ކެމްޕޭން ހަރަކާތްތައް ހުއްޓުވާކަށް ނޫން. އެކަން ކުރަން ޖެހެނީ ހުދޫދެއްގެ ތެރޭގައި. އާންމުންގެ ދިރިއުޅުމަށް އުނދަގޫ ނުވާ ގޮތަށް،" އޭނާ ބުންޏެވެ. "އެކަމަކު ހައްދުން ނެއްޓާ ހިސާބަށް މިކަންތައްތައް ގޮސްފައިވާތީ މައްސަލައަކީ. އަޅުގަނޑުމެން އުންމީދު ކުރަން ފުލުހުން ޕާޓީތަކާ އެކު ވާހަކަ ދައްކައިގެން މިކަމަށް އެދެވޭ ހައްލެއް ހޯދައި ދޭނެ ކަމަށް."