ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ހަރުކަށި ފިކުރު ނައްތާލަން ޒުވާނުންނަށް އިސްލާމީ ސައްހަ މައުލޫމާތު ފޯރުކޮށްދޭން ޖެހޭ ކަމަށާއި މިކަމަށް ހައްލު ހޯދުމަށް ގައުމީ ފެންވަރުގައި ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ޝެއިޚް މުހައްމަދު އަނީލް ވިދާޅުވެއްޖެއެވެ.
ހަރުކަށި ފިކުރު ފެތުރުމާއި ދެކޮޅަށް އައްޑޫ ސިޓީގައި ބުރަ މަސައްކަތްތަކެއް ކުރަމުންދާ ޝެއިޚް އަނީލް އިތުރަށް ވިދާޅުވެފައިވަނީ މިފިކުރުން ޒުވާން ޖީލު ސަލާމަތްކޮށް އަދި އެ ފިކުރު ފެތުރުނަ ނުދިނުމަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ އިސްލާމް ދީން އޭގެ އަސްލުތަކާއި އެއްގޮތަށް ޒުވާނުންނަށް ބަޔާންކޮށް ދިނުން ކަމަށެވެ.
އިއްޔެ މަރުތަކާ ބެހޭ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ދެއްވި ނޫސްކޮންފަރެންސެއްގައި ވިދާޅުވީ ހަރުކަށި ފިކުރު ރާއްޖޭގައި ފެތުރިފައިވަނީ ހީކުރެވިފައި އޮތް ވަރަށް ވުރެ މާ ބޮޑަށް ކަމަށެވެ. އެމީހުން ޓާގެޓުކުރަނީ ކުޑަކުދިންނާއި ޒުވާނުން ކަމަށާއި އޭގެ ތެރެއިން ވެސް ބަލަނީ އެކަނިވެރިކޮށް އުޅޭ ކުދިންނަށް ކަމަށް ސުއޫދު ވިދާޅުވިއެވެ.
އެކުދިންނަށް ހަރުކަށި ފިކުރުތަކުގެ ދައުވާތަކާއި ވީޑިއޯތައް ދައްކައި އެހެން ފިކުރުތަކުގެ މީހުންނަކީ ކާފަރުންކަމަށް ދައްކައި މަގު އޮޅުވާލާ ކަމަށް ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ މިޖަމާއަތްތަކުން ރާއްޖޭގައި ވިޔަފާރިތައް ކުރަމުން އަންނަ ކަމަށާއި އެ ވިޔަފާރިތަކުން މިމީހުންގެ މަސައްކަތަށް ފަންޑުކޮށް އެއިން ބަޔެއް ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ވެސް ފޮނުވަމުން އަންނަ ކަމަށެވެ. އެހެންކަމުން މިވިޔަފާރިތައް ހުއްޓުވައި ފަންޑުކުރުން ހުއްޓުވުމަށް ސުއޫދު ވަނީ ސަރުކާރަށް ގޮވާލާފައެވެ.