ހިތަދޫގައި ރައީސް ނަޝީދުގެ ވެރިކަމުގައި އިމާރާތް ކުރި ކޮންވެންޝަން ސެންޓަރު ރޫޅާލުމަށްފަހު ހެދި ހޮސްޕިޓަލްގެ މަސައްކަތް ނިންމައި، އިމާރާތް ޕްލޭނިން މިނިސްޓްރީ އާއި ހަވާލުކޮށްފިއެވެ.
171 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެލިއާ އާއި ހަވާލުކޮށްގެން ހެދި ހޮސްޕިޓަލް މިނިސްޓްރީ އާއި ހަވާލު ކޮށްފައިވަނީ އެތަނުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިންމުމަށްފަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިމާރާތުގައި އެލިއާއިން ކުރަން ހުރި މަަސައްކަތް ނިންމައި ޕްލޭނިން މިނިސްޓްރީ އާއި ހަވާލު ކުރީ މިދިޔަ ހަފްތާ ތެރޭގައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ކޮންވެންޝަން ސެންޓަރު ރޫޅާލުމަށްފަހު އެތަން ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް އެލިއާ އާއި ހަވާލު ކުރީ މިދިޔަ ނޮވެމްބަރަށް މަަސައްކަތް ނިންމާ ގޮތަށެވެ. ނަމަވެސް ބައެއް ބަދަލު ގެންނަން ޖެހުމުގެ ސަބަބުން ސަރުކާރުން ވަނީ މުއްދަތު އިތުރުކޮށްދީފައެވެ. މި ސަރުކާރުން މިއަހަރު ކުރީ ކޮޅު ހޮސްޕިޓަލް ހިންގަން ފަށާނެކަމަށް ބުނެފައިވެއެވެ. ނަމަވެސް އަދިވެސް ތަން މުޅިން ނިންމާލެވިފައި ނުވެއެވެ.
ހޮސްޕިޓަލް ޕްލޭނިން މިނިސްޓްރީ އާއި ހަވާލު ކުރެވިފައިވާ އިރު އެތަނުގެ ފުރާޅުން ފެންލީކްވާ މައްސަލަ މިހާރުވަނީ ކުރިމަތިވެފައެވެ. އެހެންވެ ފުރާޅު ބަދަލު ކުރުމަށް މިނިސްޓްރީން ވަނީ ދެފަހަރެއްގެ މަތިން އިއްލާންކޮށްފައެވެ.
ހޮސްޕިޓަލަށް ބޭނުންވާ އެމްއާރުއައި މެޝިނާއި ސީޓީ ސްކޭން މެޝިންތައް ވަނީ މިހާރު ގެނެސް ހޮސްޕިޓަލަށް ވައްދާފައެވެ. ނަމަވެސް އެއިން މެޝިނެއް އަދި އިންސްޓޯލްކޮށްފައި ނުވެއެވެ.
ހޮސްޕިޓަލްގެ މައުލޫމާތު އެނގޭ މީހަކު ބުނީ އަދިވެސް އެތަނުގައި ނުނިމި ގިނަ މަސައްކަތް ހުރި ކަމަށެވެ. އެގޮތުން ހޮސްޕިޓަލްގައި ބެހެއްޓުމަށް ގެނެސްފައިވާ މެޝިނަރީޒް އިންސްޓޯލް ކުރުމާއި ތަނުގެ ލޭންޑިންސްކޭޕުގެ އިތުރުން ބައެއް މަސައްކަތް އަދިވެސް ނުނިމި ހުރި ކަމަށެވެ.