މީގެ ފަސް އަހަރު ކުރިން ވަގަށް ނެގުމަށް ފަހު މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ވަގަށް ނަގައި މަރާލި ގޮތުގެ ތަހުގީގީ ރިޕޯޓު މަޖިލިސް ރައީސް މުހައްމަދު ނަޝީދު ޕީޖީ ލީޑަރުންގެ އަތުން އަތުލައްވައިފިއެވެ.
މަރު ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު، ނަޝީދާ ބައްދަލުކުރައްވައި އެ ރިޕޯޓު އެރުވުމުން އެމަނިކުފާނު ވަނީ މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންނާ ބައްދަލުކޮށް ރިޕޯޓު އެބޭފުޅުންނާ ހިއްސާ ކުރައްވާފައެވެ. އެ ރިޕޯޓުގައި ތަހުގީގަށް ބަޔާން ދިން ސިއްރު ހެކިންގެ ހުރިހާ މައުލޫމާތެއް ވެސް ހުރިއިރު ކުއްލި ގޮތަކަށް ރިޕޯޓުތައް އަތުލީ އެކަމުގެ ސަބަބުން ކަމަށް ބެލެވެން އެބަ އޮތެވެ.
ރިޟްވާން ގެއިން ނެރެ ގަދަކަމުން ކާރަކަށް އަރުވައިގެން ގޮސް ޑިންގީއަކަށް އަރުވައި އެއަށް ފަހު އެހެން އުޅަނދަކަށް އަރުވައި މަރާލާފައިވާ ކަން ހެކިބަސް ދިން ތިން ހެކިންގެ ފަރާތުން ވަރަށް ސާބިތުކަމާއެކު ދަނެގަނެވިފައިވާ ކަމަށް ސުއޫދު އާދީއްތަ ދުވަހު ދެއްވި ޕްރެސްގައި ވިދާޅުވެފައިވެއެވެ. ނަމަވެސް މަރާލި ގޮތާއި ގުޅޭގޮތުން ހެކިންގެ ގޮތުގައި ޚިލާފުތަކެއް އުޅޭ ކަމަށާއި އެހެންކަމުން މަރެއް ސާބިތުކުރަން ޝަރުއީ ކޯޓެއްގައި އަދި ހެކިބަސް ފުރިހަމަ ނުވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.
ރިޕޯޓުގައި ބުނެފައިވަނީ ރިޟްވާން ވަގަށް ނަގައިގެން ގޮސް ޑިންގީއެއްގައި އެރުވީ އއ. އުކުޅަހުގައި ހުއިފިލަނޑާ ނަގަން ބޭނުން ކުރާ ބޯޓަކަށް ކަމަށެވެ. އެ ބޯޓު ހަމަޖައްސާދިނީ ސ. ފޭދޫ ގުރަހާގެ އަގްލީލް (ކިޑު) ކަމަށާއި އޭނާއަކީ ޖިހާދީ ޖަމާއަތްތަކުން ހިންގާ ހަރަކާތްތައް ހަމަޖައްސާ ދިނުމުގައި އިސް މީހެއް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.