Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު

ލައިފްޖެކެޓާ ގުޅޭގޮތުން މަޝްވަރާ ކުރިއަށް އެބަދޭ: މިނިސްޓަރ ނަހުލާ

02 ޑިސެމްބަރ 2018، ސ. ގަން: ސައުތު އެފްރިކަން އެއާލައިންސްގެ ދަތުރުތައް ގަމަށް ފެށުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު، މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ، އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކޮމްޕެނީގެ އެއްް ހިއްސާދާރު ކާސާ ހޯލްޑިންގެ ފަރާތުން ޗަމްޕާ އަފީފު އަދި އައްޑޫގެ މޭޔަރ ބައިވެރިވަޑައިގެންނެވި، ފޮޓޯ: ޝަރަފް/ އައްޑޫލައިވް

ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ކަނޑުމަތީގައި ލައިފް ޖެކެޓު އެޅުން މަޖުބޫރު ކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށާއި އެއީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަހުލާއާ ހަވާލާދީ "ވަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެފިޔަވަޅު އެޅުމުގައި ޕޮލިސީ ލެވެލްގައި ކަނޑައަޅަން ޖެހޭ ކަންތައްތަކާއި ކުރަން ޖެހޭ މަޝްވަރާތައް އެބަ ހުރި ކަމަށެވެ. އަދި ސަރުކާރުން މިހާރު އެމަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެއްގަމު އުޅަނދު ދުއްވާއިރު ހެލްމެޓު އެޅުން މަޖުބޫރުކޮށްފައިވާ އުސޫލުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ލައިފް ޖެކެޓު އެޅުންވެސް އެހާ މުހިންމު ކަމަށާއި ހިތާމަވެރި ހާދިސާތަކުން ސަލާމަތްވުމަށް އެފިޔަވަޅު އެޅުން މުހިންމުކަމަށް ދެކެވަޑައިގަންވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.

ނަމަވެސް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުގެ ތެރޭގައި ދަތުރުވެރިންގެ އިތުރުން މަސްވެރިން ވެސް ހިިމެނޭ ކަމަށާއި މަސްވެރިން މަސައްކަތުގައި އުޅޭއިރު ލައިފްޖެކެޓު އަޅައިގެން އަބަދު ތިބެން ޖެހިއްޖެނަމަ ދަތިތަކެއް ކުރިމަތިވެދާނެ ކަމަށާއި އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ކަނޑު މަގަކީ ކޮންމެ ދުވަހަކު އެތައް ބަޔަކު ދަތުރުކުރާ ވަސީލަތް ކަމަށް ވުމާއެކު ކުއްލިއަކަށް ކަމެއް ތަންފީޒު ކުރުމަށް ވުރެ ހުރިހާ ގޮތަކަށް ބެލުމަށް ފަހު ގޮތެއް ނިންމުން ފައިދާ ބޮޑު ކަމަށްވާތީ ފުރަތަމަ ކުރެވެނީ އެކަމުގެ މަޝްވަރާ ކަމަށް މިނިސްޓަރު އިތުރުކުރެއްވިއެވެ.

އަދި ޕޮލިސީ ލެވެލްގައި މަޝްވަރާ ކުރުމަށް ފަހު ވަރަށް އަވަހަށް ގޮތެއް ކަނޑައެޅި އުސޫލުތަކެއް ބިނާވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިދިޔަ ހަފްތާގައި ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދޫއަށް ދިޔަ ލޯންޗެއް ބަންޑުން ޖަހާލައި 5 މީހަކު ނިޔާވި ޚަބަރާއެކު މުޅި ރާއްޖެއަށް ވަނީ ހިތާމަވެރިކަމާއި ސިހުން ލިބިގެން ގޮސްފައެވެ. އަދި އެހާދިސާއަށް ފަހު ކަނޑުދަތުރުކުރާ ފަރާތްތަކުން ލައިފް ޖެކެޓު އެޅުން މަޖުބޫރު ކުރުވުމަށް އެތައް ބަޔަކު ވަނީ ގޮވާލާފައެވެ.