ދިވެހި ރާއްޖޭގެ ތައުލީމީ ނިޒާމް ބިނާ ކުރަން ޖެހެނީ ސްކޫލްތަކުން ކަނޑައެޅިފައިވާ މުގައްރިރު ދަރިވަރުންނަށް ކިޔަވައިދިނުމުގެ އިތުރުން، މުސްތަގުބަލުގައި އެ ދަރިންނަކީ ހަރުދަނާ މީހުންނަށް ހެދުމަށް އެހީތެރިވާ ތަނެއްގެ ގޮތުގައި ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ބައިނަލް އަޤުވާމީ ޓީޗަރުންގެ ކޮންފަރެންސް ފައްޓަވައި ދެއްވުމުން ގޮތުން ހިތަދޫ ޝަރަފުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ޓީޗަރުންގެ އިސްތަށިފުޅުގައި އެޅިފައިވާ ޒިންމާއަކީ ބޮޑު ޒިންމާއެއް ކަމަށެވެ.
އަމިއްލަ ފައި މައްޗަށް ތެދުވެވޭ ހަރުދަނާ ޒުވާން ޖީލެއް އުފެއްދުމަށް ޓީޗަރުން ދަރިވަރުންނަށް ސްކޫލް ތެރެއިން އެހީތެރިވެދިނުމަށާއި އެއްވެސް ކުއްޖަކީ ބާކީނުވެ، މުޖުތަމައަށް ފައިދާހުރި ޒުވާނަކަށް ހެދިގެން ސްކޫލުން ނިކުމެގެން ދިއުމަކީ މިސަރުކާރުގެ ތައުލީމީ ނިޒާމް ބައްޓަން ކުރަން ބޭނުންވާ ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ރާއްޖޭގެ އާ ތައުލީމީ ނިޒާމު ބިނާ ކުރެވިގެން ދާނީ މިގޮތަށް ތައުލީމީ އޮނިގަނޑު ބަދަލުކުރެވިގެން ކަމަށް ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 2019 އިން 2023 ވަނަ އަހަރާއި ހަމައަށް ސަރުކާރުން ކުރާނީ އެމަސައްކަތް ކަމަށާއި އެއީ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދިވެހިންނަށް ވައުދުވެވަޑައިގެންނެވި މިންވަރު ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.