ކުރީގެ ރައީސް ޑރ. ވަހީދުގެ ވެރިކަމުގައި، 2012 ވަނަ އަހަރު ހޮނޑައިދޫ ފުއްޓަރުން ކާށިދޫ ދާއިރާގެ މެމްބަރާއި ރައީސް ނަޝީދުގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުން ހައްޔަރުކޮށްގެން ދިޔައީ އިރުއަރާ މަންޒަރު ބަލަން ގޮސް ތިއްބާ ކަމަށް މެމްބަރު ޖާބިރު ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާގައި ރައީސް ވަހީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އެދުވަހު ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުން ވަލު ދޮރާށިން ވަންކަން ވަރަށް ސާފު ކަމަށެވެ. އަދި އޭނާއާއި އެތާ އެދުވަހު ތިއްބެވި ބޭފުޅުންނަށް އަނިޔާކުރުވި މީހުން މިއަދު ހިއުމަން ރައިޓްސްއޭ ކިޔައިގެން ވާހަކަ ދައްކަން ލަދުވެސް ގަންނަން ޖެހޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
އެދުވަހުގެ ކަންތައްގަނޑުގައި ފުލުހުންނަށް މައާފް ކޮށްފައިވާ ކަމަށާއި ނަމަވެސް ވެރިކަމުގައި ހުންނެވި ޑރ. ވަހީދު ޖަލަށް ލާން ޖެހޭ ކަމަށެވެ. އަދި އެދުވަހު ލިބުނު އަނިޔާގެ ބަދަލުގައި ފައިސާވެސް ބޭނުމެއް ނޫން ކަމަށާއި ހަމައެކަނި ބޭނުމީ ވަހީދު ޖަލަށް ލުން ކަމަށް ވިދާޅުވިއެވެ.
ކުރީގެ ރައީސް އޮފީހުގެ އިސް ބޭފުޅެއް ކަމަށްވާ އިބްރާހިމް ހުސެއިން ޒަކީ އާއި ރައީސް ނަޝީދުގެ ތަރުޖަމާނު އިބްރާހިމް ޒުހެއިރުގެ އިތުރުން އޭރުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު، ޖާބިރާއެކު ހައްޔަރުކޮށްފައިވަނީ ބަނގުރާ ބޯން ތިބިކަމުގެ ތުހުމަތުގައެވެ.
އެމައްސަލާގައި ޖާބިރު ވަނީ ފުލުހުންނަށް ޔޫރިން ސާމްޕަލް ދޭން އެދުމުން ދެކޮޅު ހަދާފައެވެ. ދެކޮޅު ހެދުމުންނާއި ކޯޓަށް ހާޒިރުނުވުމުން ޖާބިރު ވަނީ ހައްޔަރުވެސް ކޮށްފައެވެ. ޔޫރިން ނުދިނުމުން ކްރިމިނަލް ކޯޓުން ވަނީ ޖާބިރު އެއް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. އޭގެ ސަބަބުން މަޖިލިސް މެމްބަރުކަމުން ޖާބިރު ވަނީ ވަކިވެފައެވެ.