ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމި ޗުއްޓީގައި ވެސް ކޮމިޓީ ބައްދަލުވުންތައް ކުރިއަށްދާނެ ކަމަށް މަޖިލީހުން ބުނެފިއެވެ.
ދެވަނަ ދައުރުގެ ފަހު ޖަލްސާ މިއަދު ކުރިއަށްދާއިރު ޖަލްސާ ފައްޓަވައި ދެއްވަމުން ރައީސް، މުުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މަސައްކަތް ޗުއްޓީގައި ވެސް ކުރިއަށްދާނެ ކަމަށެވެ. އެއީ އެކޮމިޓީއަށް މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރުގެ މައްސަލައިގެ ތަހުގީގީ ރިޕޯޓު ހަވާލުކޮށް އެ ރިޕޯޓުގެ މަސައްކަތް ކޮމީޓީއާ ހަވާލުކުރެވޭތީ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރިޟްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައި ނިމި މިމަހުގެ ފުރަތަމަ ދުވަހު މަރުތަކާ ބެހޭ ކޮމިޝަންގެ ޕްރެސް ކޮންފަރެންސެއްގައި ވަނީ ރިޟްވާން މަރާލާފައިވާކަން ތަހުގީގަށް ހޯދިފައިވާކަން އިއުލާން ކޮށްފައެވެ.
އަދި އެ ރިޕޯޓު މަޖިލީހުގެ ރައީސް ނަޝީދަށް ކޮމިޝަނުން ވަނީ އަރުވާފައެވެ.