ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާއިރު ބޮޑެތި އިލްޒާމުތައް އެޅުވުމުގެ ކުރީން މައުޟޫއަށް ފަރިތަކުރުމަށް މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ނަސޭހަތްތެރިވެއްޖެއެވެ.
އިންޑިއަން އޯޝަން ކޮންފަރެންސުގައި ނަޝީދު ދެއްކެވި ވާހަކަފުޅުގައި ޗައިނާއިން ބިން ފޭރޭ ކަމަށް ވިދާޅުވުމުން ސައީދު ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ. ނަޝީދު ވަނީ އީސްޓް އިންޑިއާ ކޮމްޕެނީއަށް ވުރެ ގިނައިން ޗައިނާއިން ބިން ފޭރޭ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.
ކުރިންވެސް ރައީސް ނަޝީދާއި ޗައިނާ އެމްބެސެޑަރާ ދެމެދު ކޮންމެވެސް ވަރެއްގެ ދެބަސްވުންތަކެއް ވަނީ ހިނގާފައެވެ. އެއީ ޗައިނާއިން ރާއްޖޭގައި އެޅި ބްރިޖަށް އަގު ދެއްކުމާ ގުޅޭގޮތުންނެވެ. ނަޝީދު ދެއްކެވި ބައެއް ވާހަކަތަކަކީ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށް ބުނެ މަޖިލިސް ރައީސް އެފަދަ ކަންކަން ނުކުރެއްވުމަށް ޗައިނާ އެމްބެސެޑަރު ވަނީ ވިދާޅުވެފައެވެ.
ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ކަންކަމަށް މިސަރުކާރުން ފާޑުކިޔާފައިވާއިރު ސައީދު ވަނީ ސަރުކާރުން ދައްކާ ވާހަކަތައް މީގެ ކުރިންވެސް ދޮގުކޮށްފައެވެ. އަދި މިހާރު ރާއްޖޭގެ އިގްތިސޯދީ ހާލަތު ދަނީ ދަށްވަމުން ކަމަށް ބުނެ މިސަރުކާރަށް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.