ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ވަގަށް ނަގައި މަރާލުމުގެ މައްސަލާގައި ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމެންޓުގެ ދެ އޮފިސަރަކު ކަމުގެ ހަގީގަތް އޮޅުވާލަން މަސައްކަތް ކުރިކަމަށް މަރުތަކާ ބެހޭ ކޮމިޝަންގެ ތަހުގީގުން ހާމަވުމުން އެ ދެފުލުހުން ހައްޔަރުކުރުމަށް އޭޖީން ލަފާ އަރުވާފައިވަނިކޮށް ލަފަޔާ ޚިލާފަށް ހައްޔަރުނުކޮށް ސަސްޕެންޑު ކުރުމުން ފުލުސް އޮފީހަށް އާންމުންނާއި އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.
ފުލުހުން ރޭ އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ ކޮމިޝަނުން އަންގާފައިވަނީ އެ ދެފުލުހުން ހައްޔަރުކުރުމަށް ބޭނުންވާ ވަރަށް ހެކި ލިބިފައި ނެތް ކަމަށެވެ. އެހެންކަމުން އެ ފުލުހުން ހައްޔަރުކުރާނެ ޖާގައެއް ނެތް ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ. އޭޖީ ވަނީ މިކަމުގައި ޝާމިލްވާ ކޯޕްރަލް މުހައްމަދު ޖިނާހުގެ އިތުރުން ކޯޕްރަލް އިބްރާހިމް ރިފްއަތު ހައްޔަރުކުރުމަށް ކޯޓު އަމުރަކަށް އެދުމަށް ފުލުހުންނަށް ލަފާ ދީފައެވެ.
އޭޖީގެ ލަފަޔާ އެއްގޮތަށް އަމަލުކުރާނެ ކަމަށާއި ދެ އޮފިސަރުން ހައްޔަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ޓުވީޓެއް ކުރައްވާފައިވަނިކޮށް ފުލުހުން އިއުލާން ކުރީ ދެ ފުލުހުން ގޭގައި މަޑުކުރުމަށް އަންގާފައިވާ ކަމަށެވެ.
އަދި ރޭ ފުލުހުން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ މަރު ކޮމިޝަނާއި ފޯނުން ފުލުހުން މަޝްވަރާ ކުރުމުން އެންގީ އެ ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭފަދަ ހެކި ހޯދިފައިނުވޭ ކަމަށާއި ހައްޔަރުކުރަން ޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް ދެކޭ ކަމަށެވެ. ނަމަވެސް އިދާރީ ފިޔަވަޅު ދެފުލުހުންނާ މެދު ވެސް އަޅަން ކޮމިޝަނަށް ފެންނަ ކަމަށް ބުނެފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
މިކަމާ ގުޅިގެން އެމްޑީޕީގެ މެމްބަރުންނާއި ރިޟްވާނަށް އިންސާފު ހޯދާ ދިނުމަށް މަސައްކަތްކުރާ މީހުން ވަނީ ފުލުސް އިދާރާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ދެ ފުލުހުން ތަހުގީގަށް ހުރަސް އެޅިކަމަށް އިއުތިރާފް ވެފައިވާއިރު ހެކި ނެތް ކަމަށް ފުލުހުން ބުނުމަކީ އޮފިސަރުން އަދަބުން ސަލާމަތް ކޮށްދިނުމަށް ފުލުހުން ކުރި ކަމެއްގެ ގޮތުގައި ތުހުމަތު ކުރެވިގެން ދިޔައެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ސަސްޕެންޑު ކުރުމަކުން ނުފުދޭ ކަމަށާއި އޭޖީގެ ލަފަޔާއި އެއްގޮތަށް ގާނޫނާ ޚިލާފުވި ފުލުހުން ހައްޔަރުކުރުމަށް ގޮވާލާފައެވެ.