Last Updated: November 23, 09:32
Saturday, November 23, 2024
ޚަބަރު

ހުސްވާހަކަ އަކުން އައްޑޫއަށް ތަރައްގީއެއް ނުގެނެވޭނެއެވެ

ގަން އިންޓަނޭޝަނަލް އެއާޕޯޓް. އައްޑޫލައިވް ފޮޓޯ: އިބްރާހިމް ހުސައިން

އައްޑޫ ސިޓީގެ ތަރައްގީގެ ޕްލޭނުގެ ނަމުގައި ބަޔަކު ތައްޔާރުކޮށްފައިވާ ކަރުދާހެއް ދެކެފީމެވެ. ތަންކޮޅެއް ކުރިންވެސް މިކަހަލަ އެއްޗެއް ދުށީމެވެ. ހަނދާންވާގޮތުން އެއަށް ކިޔަނީ ވިޝަން އައްޑޫ މިހެންނެވެ.

ވަރަށް ބަރާބަރު މަސައްކަތެކެވެ. ހުވަފެން ދެކެންވާނެއެވެ. އޭގައި ކުލަޖެއްސޭތޯ ގަދައަޅަންވާނެއެވެ. ހުވަފެންނުދެކި ކަންކަމަށް ވިސްނައިފިކުރުނުކޮށް ތިބެގެން ވާނެ ހަމައެއްކަމެއްވެސް ނޯންނާނެއެވެ. މިއީ ތަޖުރިބާތަކުން އެނގި ކަށަވަރުވެފައިވާ ހަގީގަތެކެވެ.

ހުވަފެންތައްދެކޭއިރު މިހާރު މިތިބެވޭ ހާލަތާއި މިހާލަތު މެދުވެރިވެފައިވާ ސަބަބުތައް ދެނެގަތުންވެސް ލާޒިމެވެ. ކަރުދާހުގައި ސިންގަޕޫރު ކުރަހައިލުމަކުން އަދި ނުފުދޭނެއެވެ. މުސްކުޅި ބަހެެއްގައި އޮވެއެވެ. އެކަކުންޏެއް ހަރުކޮންނާނީ އެކަކުންޏެއްގެ ވަރުންނެވެ. އަހަރެންނަށް ގަބޫލުކުރެވޭގޮތުން ވަރަށް ގިނަބަޔަކަށް އަހަރެމެންގެ ހަގީގީ ހާލަތު މޭރުންވުން ވަރަށް ކުޑައެވެ.

ސިޓީއެކޭ ކިޔަސް އައްޑޫއަކީ ރާއްޖޭގެ ގުދުރަތީ އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅެވެ. އެޔަކަށް ބަދަލެއް ނާދެއެވެ. ނުވެސް ގެނެވޭނެއެވެ. އައްޑޫއަކީ އެންމެ ކުޑަ އެއްއަތޮޅެވެ. ވަސީލަތްތައް އެންމެ މަދު އެއްއަތޮޅެވެ. ދައުލަތަށް އެންމެ މަދުން ފައިސާ ވައްދާ އެއްއަތޮޅެވެ. އެހެން އިބާރާތަކުން ބުނާނަމަ ރާއްޖޭގައި މިއަދު އެންމެ ފަގީރު އެއްއަތޮޅެވެ.

މިވަގުތު މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮތީ އައްޑޫގައި ކަމަށް ވެދާނެއެވެ. އެކަމަކު އެއީ މާދަމާވެސް ބަދަލުވެދާނެ ކަމެކެވެ. އާބާދީގެ ގޮތުން އައްޑޫއާ ދާދި ހަމަހަމައިގައި އެހެން ހަތަރު ފަސް އަތޮޅެއް އެބައޮތެވެ. އާބާދީ އިތުރުވާ ރޭޓު އެންމެ ދަށީ އައްޑޫގައެވެ. އެހެންވީމާ އާބާދީގެ ތަރުތީބު އިސާހިތަކު ބަދަލުވެދާނެއެވެ.

ރަށްރަށާއި ފަޅުފަޅާއި ފަރުފަރު މަދުވުމަކީ އަދި އަތޮޅު ކުޑަވުމަކީ ތަރައްގީއަށް އޮތް ހުރަހެއް ނޫނެވެ. ހުރިހާވެސް އެއްޗަކީ އިންސާނާގެ ސިކުނޑިއެވެ. އެ ސިކުނޑިން ކަންތައްތައް ރާވައި ތަންފީޒުކުރާނަމަ ކިތަންމެ ފޫނުބެދުމެއް ހައްލުވާނެއެވެ. ހައްލުކުރެވޭނެއެވެ. ސުވާލަކީ އެ ސިކުނޑި އަހަރެމެންނަށް ލިބިފައިވޭބާވައެވެ. ލިބިފައިވާނަމަ ބޭނުން ކުރެވޭބާވައެވެ.

މާޟީގެ ތެރެއިން ފަޚުރުވެރިކަން ގެނައުމުގެ އާދަ ދޫކޮށްލައި ތައުލީމީ ދާއިރާގެ ތަފާސްހިސާބުތައް ރަނގަޅަށް ލޯހުޅުވައިގެން ބެލީމާ ބޮޑު މަންޒަރު ފެންނާނެއެވެ. ސިކުނޑި ބޮޑުވެ ފުރިހަމަވަނީ އިލްމުންކަމަށް ވަންޏާ ރާއްޖޭގެ އެހެން އަތޮޅުތަކަށްވުރެ ވަކި ބޮޑު ސިކުނޑިއެއް އައްޑޫގައިވެސް މިހާރަކު ނެތެވެ. އައްޑޫއަކީ ހަމަ އެވަރެޖް އަތޮޅެކެވެ. ހަގީގަތަކީ މިއީއެވެ.

އަހަރެން ގަބޫލުކުރާގޮތުން ތަރައްގީ ހާސިލްކުރުމަށްޓަކައި އަހަރެމެން ކުރާންވީ އެންމެ އިސްކަމަކީ އަހަރެމެންގެ ގިނަބަޔަކު މިހާރު ވިސްނާގޮތް ބަދަލުކުރުމެވެ. އައްޑޫއޭ ކިޔަކަސް އެއީ ދަގަތްފާނު ފަރުބަދައެއް ނޫނެވެ. ދުނިޔޭގެ އުތުރު ތަނޑިއެއްވެސް ނޫނެވެ. އެހެންވީމާ އޮޓޯއިން އެދިމާލަށް ކަންކަމުގެ މިސްރާބެއް ނުހިފާނެއެވެ. އެކަން ބަދަލުކުރުމަކީ ސިކުނޑިން ވިސްނައިގެން ކަންކަން ރާވައިގެން ތަންފީޒުކުރީމާ ވެދާނެކަމެކެވެ.

އަހަރެމެން ކުރާކަމަކުން ނޫނީ ތަރައްގީއެއް ނާންނާނެއެވެ. ސަރުކާރަށް ރާއްޖޭގެ ވިހި އަތޮޅުވެސް ހަމަހަމަވާނެއެވެ. ވަކިއަތޮޅެެއްވީމާ އޮޓޯ މޯޑުގައި ކަންކަންވުމުގެ އުސޫލެއް ނޯވެއެވެ. އަހަރެމެން މިހާރަށްވުރެ މުރާލިވާންވީއެވެ. ދޮރުދޮރުގައި ޓަކިޖެހުން ގިނަކުރަންވީއެވެ. އަބުއިގޮތް ދޫކޮށްފައި ހަގީގަތާ ކުރިމަތިލާންވީއެވެ. ނުރޯދަރިޔަކަށް ކިރެއް ނުލިބޭނެކަން ދަންނާންވީއެވެ.

އެންމެ ފުރަތަމަ ބަދަލުވާންވީ ސިޓީ ކައުންސިލެވެ. މުރާލިވާންވީ އަދި ކެރޭންވީ ކައުންސިލަރުންނެވެ. ރާއްޖޭގެ ވެރިކަން ކުރާ ޕާޓީއަކީ އެމްޑީޕީ ކަމަށްވެފައި އައްޑޫގައި އޮތީ ސައްތައިންސައްތަ އެމްޑީޕީ ކައުންސިލަކަށްވާއިރު ސަރުކާރުގެ އިދާރާތަކުގެ ދޮރުދޮރުގައި އައްޑޫ މޭޔަރަށް ޓަކި ދެވޭ ބާވައެވެ. ހިތާމަޔާއެކު ބުނަންޖެހެނީ ނުދެވޭ ވާހަކައެވެ. ގައުމުގެ ބަޖެޓު އެކުލަވާލައި މަޖިލީހަށް ހުށައަޅާ މީހަކީ މާލީ ވަޒީރުކަމަށްވާއިރު އެ މާލީ ވަޒީރަށް އައްޑޫގެ ތަރައްގީއޭ ކިޔައިގެން އެންމެ ފަހަރަކުވެސް އައްޑޫ މޭޔަރު ކުޑަމިނުން ފޯނެއްވެސް ކޮށްފައިވޭބާވައެވެ. ރާއްޖޭގެ އެކިއަތޮޅުތައް ތަރައްގީވާގޮތް އަމިއްލަ ލޮލުން ދެކި ތަޖުރިބާ ހޯދަން އަތޮޅުތަކަށް ބުރުޖެހި ކައުންސިލަރަކު އައްޑޫގައި އެބަހުރިބާވައެވެ. މިހިރީ ބަދަލުވާންޖެހޭ ކަންކަމެވެ.

އަހަރެންނަށް އިވެނީ ކައުންސިލަރުން ކޮށްފައި ހުންނަ ޝަކުވާތަކުގެ ވާހަކައެވެ. ބާރުތައް ނެތިގެން ދައްކާ ވާހަކައިގެ އަޑެވެ. މާލެއިން ހުއްދަދީގެން ނޫނީ ގަހެއްވެސް ކަނޑައިނުލެވޭ ކަމުގެ ވާހަކައެވެ. ހިތަށް އަރައެވެ. އައްޑޫ ސިޓީ ކައުންސިލުން އެދުނު ތަރައްގީގެ ކޮންކަމަކަށް ސަރުކާރުން ހުރަސްއެޅީބާވައެވެ. އަޅައިފިއްޔާ އެވަޒީރަކާއި އެ އެޅި ހުރަހެއްގެ ވާހަކަ ސީދާކޮށް ރައްޔިތުންނަށް ބުނެނުދެވެނީ ކީއްވެގެންބާވައެވެ.

ކުރިއަށް އޮތް އަހަރު އަނެއްކާވެސް ކައުންސިލް އިންތިޚާބު އޮންނާނެއެވެ. ޕާޓީގެ ހަރަކާތްތަކުގައި އުޅޭ މީހާޔަށް އަދި އަޑުގަދަ މީހާޔާއި އާއިލާ ބޮޑު މީހާޔަށް ވިސްނައިގެން ރައްޔިތުން މިފަހަރުވެސް ވޯޓުދީފިއްޔާ ކައުންސިލްގެ މުރާލިކަން އިތުރުވާނޭގޮތެއް ނުވިސްނެއެވެ. އެމުރާލިކަން އިތުރުނުވެ އައްޑޫއަށް ކަންކަން ފަހިވެގެން އަންނާނޭ ގޮތެއްވެސް ނުވިސްނެއެވެ.

ސަރުކާރުވެސް އެއޮތީ އައްޑޫ ރައްޔިތުން އިމްތިހާނުކުރުމުގެ ފިކުރެއްގައެވެ. ރައީސް އިބޫއަށް އައްޑޫއިން ރިކޯޑު އަގުލަބިއްޔަތެއް ދިނަސް އެމަނިކުފާނުގެ ކެބިނެޓުން އައްޑޫ މީހަކަށް ފުރުސަތު ނުލިބުމަކީ އިއްތިފާގެއް ނޫނެވެ. އެއީ ރައީސް އިބޫ ނެންގެވި ރިސްކެކެވެ. އަޖުމަ ބެއްލެވުމެކެވެ. އައްޑޫގައި ނަގާކިޔާން ތިބި މީހުންނަށް ކޮންމެ ގޮތެއް ވަރިހަމަވެ ރައްޔިތުންނަށްވެސް ކަންކަން ވަރިހަމަވާގޮތްވީމާ ދެން ރިސްކުނަގައި ކަންކަމުގެ އަޖުމަބެލުމުގައި ގޯހެއްނެތެވެ.