ހަނގުރާމަވެރި ޖަމާއަތް ތާލިބާނާ މަޝްވަރާ ކޮށްގެން ސުލްހައިގެ ހައްލެއް ހޯދުމަށް ދެން މަސައްކަތް ނުކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް މިހެން ވިދާޅުވީ ތާލިބާން ލީޑަރުންނާއި އަފްޣާނިސްތާނުގެ ރައީސާއެކު އެމެރިކާގެ ކޭމްޕް ޑޭވިޑްގައި ސިއްރު ބައްދަލުވުމެއް ބާއްވަން އުޅުއްވިކަން އިއުލާންކުރައްވާފައެވެ. ނަމަވެސް މިހާރު އެ ބައްދަލުވުން ވެސް ކެންސަލް ކޮށްފައިވާ ކަމަށާއި ދެން އިތުރަށް އެ ޖަމާއަތާ އެމެރިކާއިން މަޝްވަރާ ނުކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ތާލިބާނާއެކު އެއްބަސްވުމަކަށް އައިސް ޓްރަމްޕް ނިންމެވީ އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން އަފްޣާނިސްތާނުން ބޭލުމަށެވެ. ނަމަވެސް މަޝްވަރާ ނުނިމެނީސް ކާބުލްއަށް ދިން ޓެރަރިސްޓ ހަމަލާތަކެއް ޒިންމާ ތާލިބާނުން ނަގާފައިވާއިރު ޓްރަމްޕް ވިދާޅުވީ އެއްބަސްވުމާ އެއްގޮތަށް ތާލިބާނުން އަމަލުކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
އަށްހާހަށް ވުރެ ގިނަ ސިފައިން އަފްޣާނިސްތާނުގައި ބޭތިއްބުމަށް ޓްރަމްޕް ނިންމެވިއެވެ. ނަމަވެސް މިހާރު އެއްބަސްވުން ނިމުމަކަށް އައިސްފައިވާއިރު ދެން ޓްރަމްޕް އަމަލު ކުރައްވާނެ ގޮތެއް އަދި ހާމަނުކުރައްވައެވެ.