މޫދު އަޑީގައި ހުންނަ ދިރޭ އެންދެރި ގަހެއްގައި ބޯ ޖެހިފައި ކައްޓަފުޅިވެސް މަރެއްނުވާނެއެވެ. ދިރޭ އެންދެރިގަހަކީ ހަރު އެއްޗެއް ނޫނެވެ. ވަރަށް މަޑު އެއްޗެކެވެ. ހަރު އެއްޗަކަށްވަނީ އެއްގަމުގައި އޮވެ އަވީން ހިކުނީމައެވެ.
އެންދެރި ގަހެއްގައި ޖެހި ބޯފަޅައިގެންގޮސް ކަޅުބިލަ މަސްއައިނެއް މަރުވި ވާހަކަ މީހަކު ބުނެފިއްޔާ އެވާނީ ދޮގަކަށެވެ. އެވަރުގެ ދޮގެއް މީހަކު ހަދާނީ ކޮންމެވެސް ހިކުމަތެއް އޮވެގެންނެވެ.
ކަނޑު އަޑީގެ އެންދެރި ބަގީޗާއެއްގެ މެދުގައި ދުނިޔޭގެ އެއްވެސް ބަޔަކު މިހާތަނަށް ނައިޓް ކުލަބް ހަދައިފައެއް ނުވެއެވެ. ތަރައްގީވެގެންގޮސް އެންމެ ތަރައްގީވެފައިވާ ގައުމެއްގައި އަދި ފައިސާ ގިނަވެގެން އެއިން ކުރާނެ ކަމެއް ނޭނގިގެން އުޅޭ ގައުމެއްގައިވެސް މިޒާތުގެ ކުލަބެއް އަދި ވުޖޫދުނުވެއެވެ. އެކަމުގައި ހުރި ގޮންޖެހުންތައް ބޮޑުވެފައި ގިނަކަމުންކަމަށް ވެދާނެއެވެ.
ދިވެހިރާއްޖޭގެ މާކަނޑުގެ އަޑީގެ އެންދެރި ބަގީޗާއެއްގެ މެދުގައި ނައިޓް ކުލަބެއް އެޅުމުގެ މަސައްކަތް މިހާރު ފަށައިފީމޭ މީހަކު ބުނެފިއްޔާ އެހަދަނީ ދޮގެކެވެ. އެވަރުގެ ދޮގެއް ހެދުމުގެ ބޭނުމެއް އޮންނާނެއެވެ. އޭގެ ފަހަތުގައި ވަރަށް ބޮޑު ހިކުމަތެއްވެސް އޮންނާނެއެވެ.
ޝަރުއީ މަރުހަލާގެ އެންމެހައި އިޖުރާތުތައް ފުރިހަމަކޮށް މީހަކު މިލްކުކޮށްފައިވާ ބިމެއްގައި އެމީހަކު ބުރިބުރިޔަށް އިމާރާތެއް ހެދީމާ ކޮންތާކުން ހޯދި ލާރިއެެްހޭ މަ މިދަނީ އެއިމާރާތާ ހަވާލުވާށޭ އެހެން މީހަކު ބުންޏަސް އަދި އެގޮތަށް ހަވާލެއް ނުވެވޭނެއެވެ. އެކަން އެންމެނަށްވެސް އެނގެއެވެ. އެހެންވީމާ އެވަރުގެ ބުނުމެއް މީހަކު ބުނާނީ ކޮންމެވެސް ހިކުމަތަކާއި ބުއްދިއެއް އޮވެގެންނެވެ. މިއީ ހަމަ ހުރެފައި ދައްކާނޭ ޒާތުގެ ވާހަކައެއް ނޫނެވެ.
އަމާބަފާގެ ފުށުން ވާރުތަވެގެން އެއްވެސް ފައިސާއެއް މުދަލެއް ލިބިފައިނުވާ މީހަކު އަމިއްލަ ސިކުނޑިން ޒާތްޒާތުގެ ސްކީމުތައް ރާވައި ތަންފީޒުކޮށް ސާދާގަރަކަށްވެފައިވާނަމަ އެމީހެއްގެ ސިކުނޑީގައި ފިސާރި ތެތްކަން ހުންނާނެއެވެ. އެއީ ޝައްކުކުރާން ޖާގައޮތްކަމެއްވެސް ނޫނެވެ.
ދިވެހިރާއްޖޭގައި އުފެދުނުހައި ސިޔާސީ ޕާޓީއެއްގެ ޑެޕިއުޓީީ ލީޑަރުކަމާއި ލީޑަރުކަން އަދި ނަގާކިޔާން އެވަގުތަކު ތިބޭ އެންމެހައި ލީޑަރުންގެ މުޝީރުކަން އެއްވެސް މީހަކު ކޮށްފައިވާނަމަ އެވާނީ ފިސާރި ޗާލާކު މީހަކަށެވެ. އަމާޒަށް ވާސިލްވުމަށްޓަކައި އެމީހަކު ކުރާނޭ ކަންކަމާއި ދައްކާނޭ ވާހަކަ ވާހަކައަކީ އާދައިގެ ސިކުނޑިތަކަށް ވަންނާނޭ ކަންކަމެއްވެސް ނޫނެވެ.
ތިޔައީ ޒައީމެ އަދު ގައުމު ފަޚުރުވެރިވާ މިފަދައިން ލަވަ ކިޔަމުން ބެރުޖަހަމުން އެ ޒައީމެއްގެ ފައިތިލަޔަށް ރައްޔިތުން ފިނިފެންމާ އުކި ޒައީމަކު ވާނީ ދުނިޔޭގެ ނިސްބަތުންވެސް ފިސާރި ޒައީމަކަށްތާއެވެ. އެވަރުގެ ޒައީމެއްގެ ވެރިކަމުގެ ކުރީކޮޅު ބޮލުގައި ދޮލަނގު ޖަހައިގެން މަގުމަތީގައި ގަންނާނެއްބާ ކިޔަމުން ހިނގި ނިކަމެތި ސޮރަކު އެ ޒައީމުގެ ވެރިކަން ނަގައި ކޮޅަށްޖެހުމަށް ގައުމުގެ ލޭނާރާއި ގުޅިފައިވާ އެންމެ ބޮޑު ކުންފުނީގެ ޗެއަރމަންގެ މަގާމަށް ގެންނާނީވެސް އެއީ ފިސާރި ސޮރަކަށް ވެގެންތާއެވެ. ފިކުރާއި ޚިޔާލުގައިވެސް ދެވެރިންގެ އެއްގޮތްކަން ބޮޑުކަމުންތާއެވެ. ހިކުމަތުއަމަލީގެ ވެސް ބޮޑުކަމުންތާއެވެ.
އާރާއި ބާރާއި ނުފޫޒުގެ ގޮތުން އެންމެ އުހުގައި ހުންނަ ލީޑަރެއްގެ ކަނާތްކަމުގައި ވެގެން އުޅެފައި ދެން އެވަރުގެ އެހެން ލީޑަރަކު ފެނުނީމާ ކުރީގެ ލީޑަރުގެ ބުރަކަށީގައި ސައްޕުޖަހައިފައި އާ ލީޑަރުގެ ކައިރީގައިވެސް ހަމަ އެމަގާމު އަދާކޮށް މިޒާތަކުން ބުރުހަމަކޮށް ޑަބަލް ބުރުވެސް ފުރިހަމަކުރަމުންދާ މީހަކު އާދައިގެ އިންސާނަކަށް ނުވާނެއެވެ. އެމީހަކު ވާނީ ސުޕަރމޭނަކަށެވެ. އެއީ ޔަގީން ކަމެކެވެ.
އެންމެ ބޮޑު ޕާޓީގެ ޓިކެޓް ހޯދަން ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވީމާ ޓިކެޓް ހޯދި މީހާޔާއި ޕާޓީގެ ވަސީލަތްތަކާ ދެކޮޅަށް ނިކުމެ ބޮޑު އިމްތިހާނުގައި ކުޅިފަސްހޯދުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. އެމީހަކުވާނީ ފިސާރި މީހަކަށެވެ. މާކަނޑު ހުރަސްކޮށް ތިރީސް ސާޅީސް މޭލުގެ ރާސްތާއެއްގައި ކޭބަލް ކާރު އެޅުމުގެ ހުވަފެން ދެއްކުމަކަށްވިޔަސް އަދި އެހެން ކަމަކަށްވިޔަސް އެހާލަތުގައި ކުޅެންޖެހޭ ހުރިހާ ކާޑެއް ކުޅެން އެނގުމަކީ އެމީހާގެ މޮޅުކަމެވެ. ކުޅަދާނަކަމެވެ.
ކޮންމެ ގައުމެއްގައިވެސް ހިކުމަތްތެރިން އުޅޭނެއެވެ. އެކަހަލަ މީހުންގެ ހިކުމަތުގެ ޑްރާމާތައް ފެންނާނީ އެމީހުންގެ ދާއިރާޔާ ގުޅޭ ތިއޭޓަރުތަކުންނެވެ. ފިލްމު ކުޅޭ މީހުންގެ މޮޅުކަމާއި ދެރަކަން އާއްމުންނަށް ފެންނަނީ ފިލްމު ތިއޭޓަރުތަކުންނެވެ. ކުރެހުންތެރިންގެ ހިކުމަތު ފެންނަނީ އާރޓް ގެލެރީތަކުންނެވެ. ސިޔާސީ މީހުން ވިއްޔާ އެމީހުންނަށް ނިސްބަތްވާ ކޮންމެވެސް ޚާއްސަ ތަނަކުންނެވެ.
ފިލްމު ބަލާ މީހުންނަށް ފެންނާނީ އެކްޓަރުންގެ މޮޅުކަމެވެ. ޑިރެކްޓަރާއި ޕްލޮޓް ރޭވި މީހާގެ މޮޅުކަން އިހުސާސްކުރެވޭނީ އެކަމާމެދު ވިސްނާ ބަޔަކަށެވެ. ސިޔާސީ ތަމްސީލަކަސް އޭގައި ޑިރެކްޓަރަކު ނެތިއެއް ނުދާނެއެވެ. އެކަން ކަށަވަރެވެ. ދެން މިކަންކަން މޭރުންނުވާ މީހުން ތިބެގެން ބިނދިބިނދިފައި ހޭނެއެވެ. ބުނާނެއެވެ. އެހެރީ އިރުއަރާތަން ބަލާންގޮސްފައި އައިހެވެ.