ނުރައްކާތެރި ކަމަށް ލިސްޓް ކުރެވިފައިވާ 50 މީހުންގެ ތެރެއިން 29 މީހަކާ ގުޅޭ 39 މައްސަލައެއް ފުލުހުން ބަލައި ތަޙްޤީޤު ނިންމައި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމަށް ތައްޔާރު ވަމުންދާ ކަމަށް ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވެއްޖެ އެވެ.
ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވީ ގޭންގުތަކުގެ ޙަރަކާތްތައް ހުއްޓުވުމަށް ކުރިން ހަތަރު ޝިފްޓަށް މަސައްކަތް ކުރި ކުރުން ބަދަލުކޮށް މިހާރު ވަނީ އޮޕަރޭޝަނަލް ހުރިހާ ތަނެއް ތިން ޝިފްޓަށް ބަދަލުކޮށްފައި ކަމަށެވެ.
މިއާ އެކު ގޭންގުތަކުގެ ޙަރަކާތްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތުގެ ދަށުން އެ މީހުން ޙަރަކާތްތެރިވާ ސަރަޙައްދުތައް ބަލައި ފާސްކޮށް އެ ފަރާތްތަކާއި ސުވާލުކޮށް ގޭންގުތަކުގެ ނެޓްވޯކްތައް ފެތުރިފައިވާ ގޮތުގެ މަޢުލޫމާތު އެއްކުރަމުންދާ ކަމަށް ވެސް ޙުސައިން ވަޙީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނުރައްކާތެރިކަ މަށް ބެލެވޭ 50 މީހަކު ހޯދުމަށް މަސައްކަތް ފެށި ކަމަށާއި ގުރޫޕްތަކުގެ ތްރެޓް އެނަލިސިސް ހެދުމަށް ފަހު ފާހަގަ ކުރެވުނު 8 ޕޮއިންޓެއް 24 ގަޑިއިރު ސްޓެޓިކް ޑިއުޓީ ކުރަމުންދާނެ ކަމަށެވެ.
ހުސައިން ވަހީދު އިތުރަށް ވިދާޅުވީ މި އޮޕަރޭޝަން ފެށިފަހުން މިހާތަނަށް 3396 މީހަކު ބަލައި ފާސްކޮށްފައި ވާނެ ކަމަށާއި 10،917 ސަރަޙައްދު ބަލައި ފާސްކޮށް 590 ވެހިކަލް ބަލައި ފާސްކޮށްފައިވާނެ ކަމަށެވެ.
މީގެ އިތުރުން 725 މީހަކަށް ނަސޭޙަތްދީ 192 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ޙުކުމް ތަންފީޒު ކުރަން ޖެހޭ ނަމަވެސް ވީއްލިގެން އުޅޭ 43 މީހަކު ޑީޕީއާރުއެސް އާއި ޙަވާލުކޮށް ދެވަނަ ފުރުޞަތުގެ ދަށުން ދޫކުރެވުނު 10 މީހަކު ހޯދައި ކަމާ ބެހޭ ފަރާތްތަކާ ޙަވާލު ކުރެވިފައި ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވީ ނުރައްކާތެރިކަމަށް ލިސްޓްކުރި 50 މީހުންގެ ތެރެއިން 30 މީހެއްގެ 61 މައްސަލަ މީގެ ކުރިން ބަލައި ވަނީ ދަޢުވާ ކުރުމަށް ޕީޖީ އަށް ފޮނުވިފާ ކަމަށާއި މި މީހުންގެ މައްޗަށް ދަޢުވާ ކުރުމަށް ފޮނުވުނު މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަ އާއި ވައްކަމާއި ފޭރުމުގެ މައްސަލަތަކާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން ގުރޫޕު ހަދައިގެން މާރާމާރީ ހިންގުން ފަދަ މައްސަލަތައް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ޑެޕިއުޓީ ކޮމިޝަނަރު އިތުރަށް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ގޭންގުތަކުގެ ޙަރަކާތްތައް ހިންގާ ފަރާތްތަކަށް ސިޔާސީ ލީޑަރުންނާއި ވިޔަފާރިވެރިންނާއި ގުޅުން އޮންނަކަން ފާހަގަ ކުރެވިފާ ކަމަށެވެ. އަދި މި ދުވަސްވަރު ގޭންގުތަކުގެ މީހުންނަށް ފައިސާ ދީގެން ސިޔާސީ ފަރާތްތަކުން ސިޔާސީ މަންފާ ހޯދުމަށް ބައެއް ޙަރަކާތްތައް ހިންގާކަން ފާހަގަ ކުރެވޭ ކަމަށް ވިދާޅުވި އެވެ.
އެހެންކަމުން މިފަދަ ޙަރަކާތްތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ގޮވާލާ ކަމަށާއި ކުރިއަށް އޮތީ ރޯދަ މަސް ކަމަށްވުމާ އެކު ޢީދު ކުޅިވަރުތަކަށް ފައިސާ ހޯދުމަށް ވައްކަން ކުރުމާއި ފޭރުމާއި ބަނގުރާ ވިއްކުން އިތުރު ކުރުމަށް ގޭންގުތަކުން ތައްޔާރުވާކަން އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް އޭނަ ވިދާޅުވި ޏއެވެ.