ރާއްޖޭގެ އާބާދީގެ ތިން ބައިކުޅަ ދެބަޔަށް އާސަންދަ ހިދުމަތް ހަމަޖެހިފައިވާ އުސޫލުން ލިބެމުން ނުދާ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން އެކުލަވާލާ މެނިފެސްޓޯއަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ހޯދުމަށް ރާއްޖޭގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުގައި ގދ. ފިޔޯރީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޤާސިމް ވިދާޅުވީ މިހާރަކަށް އައިސް މާލެ އާއި އަތޮޅުތަކުގައި އާސަންދަ ދިނުމުގައި ތަފާތުތަކެއް އެބަހުރި ކަމަށެވެ. އަދި މާލެ އާއި އަތޮޅުތަކާއި ތަފާތު ކުރުމެއް ނެތި އާސަންދަ ހިދުމަތް ވެސް ލިބެން ޖެހޭ ކަމަށާއި، ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި މި ތަފާތު ކުރުންތައް ނައްތާލާނެ ކަމަށެވެ.
ޤާސިމް އިތުރަށް ވިދާޅުވީ ތަޢުލީމީ ޙާލަތަށް ބަލާއިރު ގިނަރަށްރަށުގައި ސައިންސް ސްޓްރީމަށް ކިޔަވައިނުދޭ ޝަކުވާވެސް ލިބިވަޑައިގަންނަވާ ކަމަށާއި މިކަމަކީވެސް ޙައްލު ކުރަންޖެހިފައިވާ ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި މިކަމަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ސައިންސް ސްޓްރީމަށް ކިޔަވައިދޭން ބޭނުންވާ ވަސީލަތްތައް އެފަދަ ރަށްރަށުގައި ގާއިމް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކޮރަޕްޝަންގެ އަމަލު ހިންގުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށާއި އެފަދަ އަމަލެއް ހިންގި ނަމަވެސް އެ ފައިސާ އަނބުރާ ދައުލަތަށް ހޯދާއި އެފައިސާއިން ރައްޔިތުންގެ އެކިއެކި ބޭނުންތައް ފުރިހަމަކޮށް ދޭނެ ކަމަށް ވެސް މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ޤާސިމް ވިދާޅުވި އެވެ.
މީގެ އިތުރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދައުލަތުގެ ބަޖެޓުން ކުރާޚަރަދުތައް އެމަނިކުފާނުގެ ސަރުކާރުން ހުއްޓުވާނެ ކަމަށާއި އަދި ސަރުކާރުގެ ތެރެއިން މިގޮތަށް ދައުރުވާ ކޮރަޕްޝަނުގެ ފައިސާ ހުއްޓުވައިގެން ރައްޔިތުންނަށް ބޭނުންވާ އާސަންދަ ފަދަ މުހިންމު ބައެއް ޚިދުމަތް އެމަ ނިކުފާނުގެ ސަރުކާރުން ފޯރުކޮށް ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ބައެއް މީހުން ގެންދަނީ މަސައްކަތް ކުރަމުން ކަމަށާއި މިއީ ރައްޔިތުން މިހާރުން ފެށިގެން ވަރަށް ބޮޑަށް ވިސްނައި ފާރަވެރިވާން ޖެހޭ ކަމެއް ކަމަށެވެ.
އަދި ރިޔާސީ އިންތިޚާބުގައި ވޯޓު ދެއްވާ އިރު އެންމެ ގާބިލް ކެންޑިޑޭޓަށް ވޯޓު ދެއްވުމަކީ ރައްޔިތުންގެ ކުރިމަގުގެ ތަރައްގީއަށްޓަކައި ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.