މިދިޔަ އަހަރު ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީ ރައްޔިތުންނަށް ވަރަށް ބޮޑެތި ކަންތައްތަކެއް ކޮށްދެއްވުމަށް ކަމަށް ނާކާމިޔާބުވެވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
މިއަދުގެ ސަރުކާރަށް ފާޑުވިދާޅުވަމުން ޔާމީންގެ ޖަލްސާގައި ވިދާޅުވީ، އެމަނިކުފާނު ވިސްނީ ޖަޒީރާ ކުރާކަށް ނޫން ކަމަށާއި ތަރައްގީގެ ބޮޑެތި ޕްރޮޖެކްޓުތައް ރާއްޖޭގައި ކުރިއަށް ގެންދަވަން ކަމަށެވެ. ﷲ ގެ ރަހުމަތްފުޅާއެކު އެމަނިކުފާނު ވިސްނީ މެދު އުޑުގައި ފިޔަ ޖަހަން ކަމަށާއި މިއަދުގެ ސަރުކާރަށް އެމަނިކުފާނާ ކައިރިވެސް ކޮށްނުލެވޭނެ ކަމަށެވެ.
ތަރައްގީ ގެންނަން ވައުދުވި ސަރުކާރަށް ތަރައްގީ ނުކުރެވޭތީ ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ކޮންމެ ރަށަކަށް އަރައި އެތައް ވައުދުތަކެއް ވުމަށް ފަހު އަހަރެއް ވާން ކައިރިވެފައިވާއިރު ވައުދެއް ފުއްދުމާއި ގާތަށް ވެސް ނާދެވޭ ކަމަށް ވިދާޅުވިއެވެ. މަސްވެރިންނަކީ އެންމެ އަޅާލާނެ މީހުން ކަމަށް ބުނި ބޭފުޅުންނަށް މަސްވެރިން ބާނާ މަސްކޮޅު ކިރާވެސް ނުދެވޭ ކަމަށް ބުނެ ރައީސް ޔާމީން ކުރިއަށް ގެންދެވިއެވެ.
ފާއިތުވެދިޔަ ފަސް އަހަރުގައި އެމަނިކުފާނު ގެނެސްދެއްވި ތަރައްގީ މިސަރުކާރަށް ގެނެސްނުދެވޭނެ ކަމަށް ވިދާޅުވަމުން ޔާމީން ވަނީ މުޅި ސަރަހައްދުގައި ވެސް އެންމެ ބޮޑު ކުރިއެރުމެއް، އެންމެ ބޮޑު ހޭދައެއް ސިއްހީ ނިޒާމަށް ކޮށްދެއްވީ އެމަނިކުފާނު ކަމަށް ރޭގެ ޖަލްސާގައި ވިދާޅުވެފައެވެ. އަދި އެއީ ޕީޕީއެމުން ދައްކާ ވާހަކައެއް ނޫން ކަމަށާއި އެއީ ދުނިޔޭގެ މިފަދަ ދިރާސާ ކުރައްވާ ފަރާތްތަކުން ދިރާސާ ކުރުމަށް ފަހު ލިޔުނު ރިޕޯޓެއް ކަމަށް ވިދާޅުވިއެވެ.
"ކިހިނެއްތޯ ކުރީގެ ސަރުކާރުން ތަރައްގީގެ ފޮތް ބާއްވާނީ؟ ކުރީގެ ސަރުކާރުގެ ތަރައްގީގެ ވިސްނުމަކީ ޖަޒީރާ ވިސްނުމެއް ނޫނޭ! ކުރީ ސަރުކާރުގެ ވިސްނުމަކީ ގޮނޑުދޮށުގަ މަސް ފެކްޓްރީ ހެދުމެއް ނޫން! އަޅުގަނޑުމެން ވިސްނީ އެއަށްވުރެ މާމަތިން. އަޅުގަނޑުމެން ވިސްނީ ބްރިޖު އަޅަން. އަޅުގަނޑުމެން ވިސްނީ 25 ބުރީގެ އިމާރަތް އަޅަން. އަޅުގަނޑުމެންގެ ވިސްނުމަކީ އޭ380 ބޯޓު ޖެއްސޭ ފެންވަރުގެ ރަންވޭ އަޅަން. އަޅުގަނޑުމެން ވިސްނީ ﷲ ގެ ރަހުމަތާއެކު މެދު އުޑުގައި ފިޔަ ޖަހަން! އެހެންކަމުން އަޅުގަނޑުމެންގެ ތަރައްގީގެ ފޮތް މިބޭފުޅުންނަށް ނުފެންނާނެ،" ޔާމީން ވިދާޅުވިއެވެ.