ސަރުކާރުގައި ލަސްކަމެއް އުޅޭކަމަށް މަޖްލިސްގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ނަޝީދު ތަމްސީލުކުރައްވާ މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ އަހްމަދިއްޔާ ސްކޫލުގައި ބޭއްވި ޖަލްސާގައި އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމުގައި ލަސްތަކެއް ހުރިކަން ފާހަގަ ކުރެވޭ ކަމަށެވެ.
ނަޝީދު ވިދާޅުވީ ސަރުކާރު ތެރެއިން ފަރުވާ ކުޑަވުމާއި އަޅައިލުން ކުޑަކަން ފެންނަމުންދާ ކަމަށެވެ. ނަމަވެސް ކުރިއަށް ހުރި ދުވަސްތަކުގައި ސަރުކާރުގެ ސްޕީޑު އަވަސްވާނެ ކަމަށް ލަފާ ކުރެއްވޭކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ކަންކަންވެސް ދަނީ ވަރަށް ލަހުން ކަމަށާއި ކަންކަން އަވަސް ކުރަން ޖެހޭ ކަމަށެވެ.
ނަޝީދު މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވާ އިރު ފަހަކަށް އައިސް ރައީސް ނަޝީދު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ދެބޭފުޅުންގެ ދެމެދުގައި ނުތަނަވަސްކަމެއް އުޅޭ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.
މީގެ ކުރިން ނަޝީދު ވަނީ ސަރުކާރުގެ މަޝްރޫއުތައް ލަސްކަމަށް ބުނެ ދެކެވެމުން ދިޔަ ވާހަކަ ތަކަށް ރައްދު ދެއްވާފައެވެ. އޭރު ނަޝީދު ވިދާޅުވީ މި ސަރުކާރުގެ ތަރައްޤީގެ ދުވެލި ލަސްކަމަށް ނުދެންނެވޭނެ ކަމަށް ވިދާޅުވެފައެވެ.