ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 32/2015 ޓެރެރިޒަމް މަނާކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރަންޖެހޭ ހާލަތެއްގައި އެކަން ނުކޮށްފިނަމަ ބޮޑެތި އަދަބުތައް ލިބޭގޮތަށް ހިމަނައިފިއެވެ.
ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގައި ޤާނޫނުގެ ދަށުން އެކުލަވާލާ ޓެރެރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މައުލޫމާތު ބަދަލުކުރުމުގެ އޮނިގަނޑާ އެއްގޮތަށް އެކަންނުކޮށް ހުރެ، ޓެރެރިޒަމްގެ އަމަލެއް ހިނގައިފިނަމަ އެއީ ކުށެއް ކަމަށް ކަނޑައަޅައި އެ ކުށަށް ބޮޑެތި އަދަބުތައް ލިބޭގޮތަށް ވަނީ ހުށަހަޅާފައެވެ.
ބިލު މިހާރު އެކުލެވިފައިވާގޮތުން ޓެރެރިޒަމާ ގުޅުންހުރި އިދާރާތަކުގެ ތެރޭގައި ހިމެނެނީ އެމްއެންޑީއެފް ، މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް ކަސްޓަމްސް ސާވިސް، މޯލްޑިވްސް އިމިގްރޭޝަންގެ އިތުރުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓެވެ.
މި އިދާރާތައް ހިމެނޭގޮތަށް ޓެރެރިޒަމާގުޅޭ އިންޓެލިޖެންސާއި މައުލޫމާތު ބަދަލުކުރުމުގެ އޮނިގަނޑެއް ޤާނޫނުގެ ދަށުން އެކުލަވާލުމަށް ބިލުގައި ހިމަނާފައިވާއިރު މައުލޫމާތު ބަދަލުކުރުމުގައި ފަރުވާކުޑަކޮށްފިނަމަ ބޮޑެތި އަދަބުތައް ލިބޭގޮތަށް ބިލުވަނީ ފަރުމާކުރެވިފައެވެ.
މިގޮތުން އޮނިގަނޑާ އެއްގޮތަށް އިންޓެލިޖެންސް ބަދަލުކުރަންޖެހޭ ހާލަތެއްގައި ، އެ މައުލޫމާތަކީ ޓެރެރިޒަމްގެ އަމަލު ހުއްޓުވުމަށް މުހިންމު މައުލޫމާތަކަށްވެ، މައުލޫމާތު ހިއްސާނުކުރުމުގެ ސަބަބުން ޓެރެރިޒަމްގެ އަމަލެއް މެދުވެރިއްޖެނަމަ ، އެފަދަ މައުލޫމާތު ހާމަނުކުރި ފަރާތް ކުށްވެރިވާނެއެވެ.
މި ކުށުގެ އަދަބުގެ ގޮތުގައި ހަ މަސް ދުވަހުން ފެށިގެން ހަތް އަހަރާ ދެމެދުގެ ޖަލު ހުކުމްތައް ބިލުގައިވަނީ ހިމަނާފައެވެ.
ސަރުކާރުން މިފަދަ އިސްލާހުތަކެއް ޓެރެރިޒަމް މަނާކުރުމުގެ ޤާނޫނަށް ހުށަހަޅާފައިމިވަނީ އަނިޔާވެރިކޮށް މަރާލެވިފައިވާ ނޫސްވެރިޔާ ރިލްވާންގެ މައްސަލަ ތަހުގީގު ރިޕޯޓުގައި ފުލުހުންގެ އިންޓެލިޖެންސްގެ ގިނަ އިހުމާލުތަކެއް ފާހަގަކޮށްފައި ވަނިކޮށެވެ.