Last Updated: February 7, 06:30
Friday, February 7, 2025
ޚަބަރު

އައްޑޫގައި ތަރައްގީކުރާ ޝްރިމްޕް ފާމުގެ ދިރާސާ ޓީމު އަތުވެއްޖެ

ސައިރިކްސް ކޮލެޖުން އައްޑޫސިޓީ ހުޅުމީދޫގައި ގާއިމްކުރާ ޝްރިމްޕް (ޑިނގާ) ފާމުގެ ދިރާސާތައް ހަދާ ޓީމު ރާއްޖެ އަތުވެއްޖެއެވެ.

ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ދިރާސާ ކުރުމަށް ރާއްޖެ އައި ޓީމު މާދަމާ އައްޑޫ ސިޓީ ހުޅުމީދޫއަށް ދާނެ ކަމަށާއި އެ ދަތުރުގައި އެމަނިކުފާނުވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި މާދަމާ ރޭ އައްޑޫ ސިޓީ ހުޅުމީދޫގައި އައްޑޫ ސިޓީ ކައުންސިލުން ބާއްވާ ބައްދަލުވުމެއްގައި ޑިނގާ ފާމުގެ ދިރާސާ ހަދާ ޓީމުން ބައިވެރިވާނެ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ

ޝަރީފު މީގެކުރިިން ވިދާޅުވީ މިމަސައްކަތް ފެށުމަށް މިމަހު ތެރޭ ތައިލެންޑު ޔުނިވާސިޓީއެއްގެ ޓީމެއް އައްޑުއަށް އަންނާނެ ކަމަށެވެ. އަދި މި ދަނޑު ތަރައްގީ ކުރާނީ ހުޅުމީދޫގެ ޖަމިއްޔާތަކާ ގުޅިގެން ކަމަށާއި ދިރާސާގެ ހުރިހާ ޚަރަދެއް ހިނގާނީ ކޮލެޖުގެ ސީއެސްއާރުން ކަމަށް ސައިރިކްސްގެ ޗެއާމަން ޝަރީފް ވިދާޅުވެފައިވެއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ މިއީ ތައިލޭންޑުގެ އަވަށްތަކުގައި ވެސް ވަރަށް ކާމިޔާބުކަމާއެކު ކުރާ ކަމެއް ކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގައި ފުޅާވަމުންދާ ފަތުރުވެރިކަމުގެ ސިނާއަތުން ބޮޑެތި އާމްދަނީއެއް ހޯދިދާނެ ކަމަށެވެ.

ޝްރިމްޕް ނުވަތަ ޑިނގާއަކީ ދިވެހިންނަށް ވެސް ވަރަށް ކަމުދާ ބާވަތެކެވެ. ނަމަވެސް ރާއްޖެއަށް ޑިނގާ ގިނައިން އެތެރެކުރަނީ ބޭރުގެ ގައުމުތަކުންނެވެ.

ހުޅުމީދޫގައި ސައިރިކްސް ކޮލެޖުން ތަރައްގީ ކުރާ ފާމް ހެދުމަށް މިހާރު ވިސްނާފައިވަނީ އެރަށު ކުޅިއެވެ. ކުޅީގައި އެ އާލާ ކުރެވޭތޯ ތައިލެންޑް ޔުނިވާސިޓީ ޓީމުން ދިރާސާ ކުރާނެއެވެ.