ދިވެހި ރާއްޖެ ބަދަލުކޮށްލަން މަދު ބަޔަކު ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި ސްްޓޫޑަންޓް އެޗީވްމަންޓް އެވޯޑް ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވަނީ މިރާއްޖެ އެހެން ގޮތަކަށް އަނބުރާލަން މަސައްކަތް ކުރަމުންދާ ކަމަށާއި އެއީ ދީނީ ގޮތުން ނޫން ކަމަށް ވިދާޅުވެފައެވެ.
އެގޮތުން އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ހެދުން އެޅުމުގައި ކަމަށާއި، މީގެ ވިއްސަކަށް އަހަރުގެ ކުރިއާއި މިހާރާއި ހެދުން އެޅުމުގައި ވަރަށް ބޮޑު ތަފާތެއް އެބަ އުޅޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. މަންމަ ބުރުގާ އަޅުވަންވީ މާމަ އެޅުވި ގޮތަށް ނޫން ކަމަށާއި ހެދުން އެޅުން ބަދަލުނުކުރުމަށް ނަޝީދު ވަނީ ގޮވާލާފައެވެ.
ގައުމިއްޔަތު ބަދަލުކުރަން ވޭތުވެދިޔަ 20 އަހަރުތެރޭ ވަރަށް ގިނަ މަސައްކަތް ކޮށްފައިވާ ކަމަށާއި އެމަނިކުފާނުގެ އެދުމަކީ ދިވެހިންގެ ގޮތް ބަދަލުނުކޮށް ތިބުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިފަދަ ހާލަތްތަކުގައި ގޮތް ދޫނުކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށް ރައީސް ނަޝީދު ދެކެވަޑައިގަންނަވައެވެ.