ސަރުކާރާ އިދިކޮޅު މީޑިޔާއެއް ރާއްޖޭގައި ނޯންނާނެ ކަމަށް ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރޭ މީޑިޔާ ކައުންސިލުން ބޭއްވި ނޫސްވެރިންގެ އެވޯޑު ހަފުލާ ޝަރަފުވެރިކޮށްދެއްވަމުން ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ސަރުކާރު ދެމިއޮތްހާ ދުވަހަކު ސަރުކާރާ އިދިކޮޅު މީޑިޔާއެއް ނޯންނާނެ ކަމަށެވެ.
ރައްޔިތުންނާއި މީޑިޔާގެ ފާޑުކިޔުންތައް ސަރުކާރުން އަޑުއަހާނެ ކަމަށާއި އަދި އެފާޑުކިޔުންތަކަށް ސަރުކާރު އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި މިސަރުކާރު ކުރިއަށް ދާނީ ފާޑުކިޔުންތަކުގެ އަލީގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުގައި ނޫސްވެރިންނަށް އަމާޒުކޮށް އަބުރުގެ ގާނޫނަށް އިސްލާހު ގެނެސް ނޫސްވެރިން ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ނޫސްވެރިކަން ކުރަމުން ދިޔަ ކަމަށާއި ނަމަވެސް މިހާރު އެހާލަތު ބަދަލުވެފައިވާ ކަމަށްވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
އަދި އެކަން އެގޮތަށް ދިމާވީ ދައުލަތަށް ނޫސްވެރިން މުހިންމުކަން ހަގީގަތުގައި ވަޒަންވެރިކުރެވިފައިނުވާތީ ކަމަށާއި މިހާރު އެކަން ބަދަލުވެފައިވާ ކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.